ޚަބަރު

މޯލްޑިވްސް ޓީ20 ގައި ފޯރި ގަދަ މެޗުތަކެއް


  • މުބާރާތް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން

  • އަންނަމަހުގެ 25 އާއި ހަމައަށް މުބާރާތް ކުރިއަށްދާނެ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ޓީ20 މުބާރާތް ފަށައިފިއެވެ.

މުބާރާތުގެ ކުޅުން މިމަހުގެ 26 ވަނަ ދުވަހު ފަށާފައިވާއިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ވާދަކުރާ ޓީމުތަކަކީ ބީޖީ ސްޕޯޓްސް، އައިޒީ އެކަޑަމީ، ވެސްޓް ސްޕޯޓްސް، ކްލަބް އޯލް ސްޓާރޒް އަދި ވިޗެންޒާއެވެ. ގްރޫޕް ބީ ގައި ވާދަކުރަނީ ސީބީއެމް އެކަޑަމީ، ލަޔަންސް ރެކްރިއޭޝަން ކްލަބް، އަނަކީ އަދި އޯފް އެފްސީ އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުރިއަށްގެންދާ މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 24 ވަނަ ދުވަހަށެވެ. އަފި ފައިނަލް މެޗުގެ ކުޅުން އޮންނާނީ 25 ވަނަ ދުވަހުއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ މާފަންނު ކުޅިވަރު އެކުވެނީގައެވެ. ކުޅުން ކުރިއަށްދާ ގަޑިތަކަކީ ހެނދުނު 08:00 ގެ އިތުރުން މެންދުރު 2:00 އެވެ.

ކްރިކެޓްގެ ފޯރި ދިރުވާ އާލާކުރުމަށް ސީބީއެމްއިން ގިނަ މަސައްކަތްތަކެއްކުރަމުން އަންނައިރު، މިއަހަރަށް އަދިވެސް ގިނަ މުބާރާތްތަކެއް އެއެސޯސިއޭޝަނުން ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ.