ޚަބަރު

"ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ނުފޫޒެއް ނުފޯރުވޭނެ"


  • ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫޢެއްކަމަށް ވިދާޅުވި

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ބައިލައްކައަށްވުރެ އެޕްލިކޭޝަން ލިބިފައިވޭ

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫޢުއެެއްކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފައްޓަވާފައެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ކުރިއަށްގެންގޮސްފައިވާ މިފަދަ މަޝްރޫޢުތަކުގައި ނުފޫޒު ފޯރުވާފައި އޮތްނަމަވެސް މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތެއް ނޯންނާނެކަމަށެވެ.

މީގެ ކުރިން ނުފޫޒު ގަދަ ފަރާތްތަކުން ބޭނުންވާ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ލިބޭ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަން ނިމުމަކަށް ގެންނައުމަކީ އެމަނިކުފާނު އިސްކަންދެއްވާކަމެއްކަމަށެވެ. އެމަނިކުފާނު ވަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫޢުއެެއްކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތުގެ ތެރެއިން އެއްވެސް ފަރާތަކަށް އެމީހަކު ބޭނުންވާ މީހަކަށް އަދި އެއްވެސް އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެ ފުރުޞަތެއް ނޯންނާނެކަމަށެވެ. ބޯހިޔާވަހިކަމަކީ ޒަރޫރީ ކަމަކަށްވާއިރު، ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިއްމީ އެމީހަކަށް ރަނގަޅަށް ދިރިއުޅެވޭނެ ބޯހިޔާވަހިކަމެއް ލިބުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި އެއްވެސް ވަރެއްގެ ނާޖާއިޒްކަމެއް ހިނގައި، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަކަމެއްގައިވެސް ހިނގައިގެން ނުވާނެކަމަށް ޤަބޫލުކުރަނީ. މިހާރު މިހިނގާ ވެރިފިކޭޝަންގެ ތެރެއިންވެސް ވަރަށް ބޮޑަށް ބަލާނަން އެކަންތައް ރަނގަޅަށް ގެންދެވޭތޯ. އިރާދަކުރެއްވިއްޔާ ދާނީ ރަނގަޅަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓް ނުވަތަ ގޯތި ދޫކުރުމުގައި ވަކި މީހަކަށް އިސްކަން ދިނުމުގެ ތަރުތީބުފަދަ އެއްވެސް ކަމެއްވެސް ނުގެންގުޅޭނެކަމަށެވެ. އަދި ފްލެޓް ވެރިފިކޭޝަން މަސައްކަތް ކުރާ ފަރާތްތަކުންވެސް ނުފޫޒް ފޯރުވުމުގެ ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުޅުވާލުމުން ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ.

ކުރީގައި ހިންގާފައިވާ ހައުސިންގ މަޝްރޫޢުތަކާއި ޚިލާފަށް މިފަހަރު ހައުސިންގއަށް ސަރުކާރުންވަނީ ދުރާލާ ހުޅުވާލާފައެވެ. އަދި މިއަހަރުގެ ތެރޭގައި ހައުސިންގެ ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުން ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިގެންދާއިރު އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަލާއިރު މީގެކުރިން ހިންގާފައިވާ މަޝްރޫޢުތަކުގައި ދައުރު ހަމަވުމާ ކައިރިކޮށްފައި ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަން ވެފައި އޮންނަނީ ރައްޔިތުންގެ ކަންބޮޑުވުމާ އަދި ޝަކުވާއާއި ކުރިމަތިވެ، ދެން އަންނަ ދައުރެއްގައި ހަވާލުވާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފު ބޮޑު ޒިންމާއަކަށެވެ. މިކަން މިފަހަރު ތަކުރާރުނުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.