ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ޖީއައިއެސްއާއެކު ހުރަވީ ކުރީގައި


  • 17 އަހަރުން ދަށުގެ ތާވަލުގެ ކުރީގައި އޮތީ ޖީއައިއެސް އަދި ހުރަވީ

  • ރާއްޖެ ޖޫނިއާސް ނެޓްބޯޅަ ޗެންޕިއަންޝިޕްގެ ފައިނަލް މިމަހު 27 ވަނަ ދުވަހު

  • މުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ ހަވަނަ ދުވަހުގެ މެޗުތައް އަމީނިއްޔާ ސްކޫލް، ހުރަވީ ސްކޫލް، ތާޖުއްދީން ސްކޫލް، ޣިޔާޘުއްދީން އިންޓަ ސްކޫލް އަދި ހިރިޔާ ސްކޫލުން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗު އަމީނިއްޔާ ސްކޫލްއިން ކާމިޔާބުކުރީ 21-13 އިން ދަރުމަވަންތަ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމީނިއްޔާގެ ޖީޑީ މަރްޔަމް އާޔާ ބިންތި ޝުޖާއުއެވެ.

ދެވަނަ މެޗު ހުރަވީ ސްކޫލުން ކާމިޔާބުކޮށްފަވާއިރު، މިމެޗުން ހުރަވީ މޮޅުވީ 39-26 އިން އިސްކަންދަރު ސްކޫލް ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރަވީގެ ޖީއެސް އަމްސާ ޢަބްދުﷲ ހަނީފްއެވެ.

ތިންވަނަ މެޗު ތާޖުއްދީން ސްކޫލުން ކާމިޔާބުކުރީ 44-23 އިން ރެހެންދި ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީއެސްގެ ޖީއެސް ޒީޝާ މުޖްތަބާ އަހްމަދު ހަމީދްއެވެ.

ހަތަރުވަނަ މެޗު ފާހަގަކުރެވުނީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ސްކޯ ހެދި އެއްމެޗުގެ ގޮތުގައެވެ. މިމެޗު ފަސޭހަކަމާއެކު ޖީއައިއެސް އިން ކާމިޔާބުކުރީ 65-03 ގެ ބޮޑު ފަރަގަކުން މުހްޔިއްދީން ސްކޫލް ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއައިއެސްގެ ސެންޓަރ އާއިޝާ އައިލީން އަހްމަދުއެވެ.

ފަހު މެޗުގައި ހިރިޔާ ސްކޫލް އަދި ޖަމާލުއްދީން ސްކޫލް ވާދަކުރިއިރު، މިމެޗު 47-15 ގެ ބޮޑު ފަރަގަކުން ހިރިޔާ ސްކޫލް ކާމިޔާބުކޮށްފަވާއިރު، މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިޔާ ޓީމުގެ ޑަބްލިއުއޭ އާއިޝަތު ހިލްޔާ ހަސަންއެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ ހަވަނަ ދުވަހު 17 އަހަރުން ދަށުގެ މެޗުތައް ކުޅެފައިވާއިރު، މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން 6 ޕޮއިންޓާއެކު ޖީއައިއެސް އަދި ހުރަވީ ސްކޫލްއެވެ. ދެވަނައިގައި އޮތީ އިސްކަންދަރު ސްކޫލެވެ.

މިމުބާރާތުގެ ކުޅުން މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާއިރު، މުބާރާތުގައި ދަނީ ވާދަވެރި މެޗުތަކެއް ކުޅެމުންނެވެ.