ޚަބަރު

މޭރީ މަރުގެ މައްސަލަ: މާވިންއާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ


  • މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ ހާލަތެއް ނެތް

  • މާވިން ދެއްކި ވާހަކަތަކަކީ ޙަޤީޤަތް އޮޅުވާލަން ދެއްކި ވާހަކަތަކެއް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާގެ މާވިން އެސް.ވައި. ވަރގަސް، މިހާރުގެ ނަމުންނަމަ ޔޫސުފްގެ މައްޗަށް އޭނާ މަރާލިކަމުގެ ކުށް ސާބިތުވަކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔައީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކަށް ދައުވާ ސާބިތުވޭތޯ ކަނޑައެޅުމަށް ބޭއްވި އަޑުއެހުމެވެ. މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ 2021ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާގެ އަނބިމީހާ މޭރީއަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ޤާޟީ މުޒައްމިލް ނާސިރު ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ހާލަތެއް ނެތްކަން ސާބިތުވާ ކަމަށެވެ. އެގޮތުން، އޭނާ ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރާއި އެވަގުތު އެތަނުގައި ތިބި ނަރުހުންގެ ހެކިބަހުން ހާމަވާކަން ޤާޟީ ފާހަގަކުރެއްވިއެވެ.

މޭރީ މަރުވިތަން ފެނުނު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިވާނުވާކަން ފާހަގަކުރައްވައި ޤާޟީ ވިދާޅުވީ އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ ކަމަށެވެ. އަދި އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށާއި އޭރު މާވިންވެސް އެ ގޭގައި ހުރިކަން ހެކިތަކުން ސާބިތުވާ ކަމަށް ވިދާޅުވިއެވެ.

މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ޙަޤީޤަތް އޮޅުވާލަން ދެއްކި ވާހަކަތައްކަމުގައި ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތައް މާވިންގެ ފޯނުން ފެނިފައިވާއިރު، އެތަކެތި ފޯނުގައި ހުންނަންޖެހޭ އެއްވެސް ސަބަބެއް އޭނާއަށް ކިޔައިދެވިފައިނުވާ ކަމަށް ޤާޟީ ވިދާޅުވިއެވެ.

ޤާޟީ ވަނީ މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު މާވިން މޭރީ މަރާލީ ލަމްހާއާއި އޭނާއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ސަބަބުން ކަމަށް ސާބިތުވާ ކަމަށްވެސް ވިދާޅުވެފައެވެ. އެހެންކަމުން މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ކަމަށް ޤާޟީ ވިދާޅުވިއެވެ.

ދެން މި މައްސަލައިގައި އޮންނާނީ މާވިންގެ މައްޗަށް އަދަބު ކަނޑައެޅުމެވެ. އެގޮތުން މި މައްސަލައިގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ޤާޟީ ވަނީ ތާވަލުކުރައްވާފައެވެ.

މި މައްސަލާގައި މާވިންގެ އިތުރުން އޭނާގެ ލޯބިވެރިޔާ، އަދި އެކުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާކުރެއެވެ. ލަމްހާއަށް ދައުވާކުރަނީ މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވާކަމަށް މިއަދުގެ ޝަރީއަތުގައި ޤާޟީ ވަނީ ނިންމަވާފައެވެ.