ޚަބަރު

މަހިބަދޫގައި އަންހެނުންގެ ލީޑަރޝިޕް ޕްރޮގްރާމް ފަށައިފި


  • ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 21 އިން 23އަށް

  • އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ

އދ. މަހިބަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 21 އިން 23 އަށް، މަހިބަދޫގައެވެ.

"އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ރާއްޖޭގައި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިންކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެކަމަށް އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށްކަމަށެވެ.

އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމަކީ އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

އދ. މަހިބަދޫގައި ފަށާފައިވާ މި ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭ ހަތަރުވަނަ ޕްރޮގްރާމެވެ. މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.