ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026"ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ވަނީ، ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން މި ފޯރަމުގައި ތަޤުރީރު ކުރައްވާފައެވެ. މި ފޯރަމް ހުޅުވުމުގެ ކުރިން، އދގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް)އާއި ރޮބަރޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި "ލީޑާސް ގާލާ ޑިނާ" ގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވަނީ، މުހިންމު ސެޝަންތަކެއްގައި ބައިވެރިވެ ވަޑައިގެން ތަޤުރީރުތައް ދެއްވާފައެވެ. ލީޑަރުންގެ މަތީ ފަންތީގެ ސެޝަންގައި ތަޤުރީރު ކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހި، މައްސަލަތަކާ ކުރިމަތިލުމުގައި، ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރު ކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދޫކުރާ މާލީ އެހީ އިތުރުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ކިބައިގައިވާ ތަހައްމަލު ކުރުމުގެ ޤާބިލުކަން އިސްކުރަންޖެހޭ ކަމަށާއި، ހިޖުރަކުރަން ޖެހުނު ނަމަވެސް އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު، އަމިއްލަ އިޚްތިޔާރުގައި އަދި އަބުރުވެރި ގޮތެއްގައި ކުރާ ކަމަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭގޮތުން ކުރިއަށް ގެންދިޔަ މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގައި ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި، އެޑަޕްޓޭޝަން ނުވަތަ އަހުލުވެރިވުން އިތުރު ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓް ކުރަންޖެހޭ ކަމަށާއި، ވެރިކަން ހިންގުމުގެ ހުރިހާ ފަންތިއެއްގައި ކޯޑިނޭޓް ކޮށްފައިވާ ބައިވެރިވުންތަކެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޖުތަމަޢުތައް ބޭނުންވާ ތަނެއްގައި އަބުރުވެރިކަމާއެކު ދެމިތިބުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
މި ފޯރަމުގެ ތެރެއިން ބޭއްވި ޗެމްޕިއަންސް ބްރެކްފާސްޓުގައި، ފޯރަމުން ނުކުތް މުހިންމު ނަތީޖާތަކާ މެދު ވިސްނުން ހިންގަވައި، ގުޅުންތައް ބަދަހިކުރައްވައި، "ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ" ޙާޞިލުކުރުމަށް ހުރި ވައުދުތައް ކުރިއެރުވުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.
މި ފޯރަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކްލައިމެޓް މޮބިލިޓީގެ އުޞޫލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުންތަކާއި ތަޞައްވުރު ހިއްސާކުރައްވައި، ނާޒުކު ޤައުމުތަކަށް މޫސުމީ މާލީ އެހީތެރިކަމާއި އެޑަޕްޓޭޝަންގެ ފިޔަވަޅުތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.