ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ތަރައްޤީ ކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގެ ތެރޭގައި ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ވަނީ، މިމަޝްރޫޢުގެ މަސައްކަތް 5 ކުންފުންޏަކަށް ޙަވާލުކުރުމަށް ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ދަނީ، ގިނަ މަޝްރޫޢުތަކެއް ފެށުމުގެ މަސައްކަތް ކުރަމުންނެވެ. އެކި މަޝްރޫޢުތަކުގެ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިނާރާ ގެދޮވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މިހަފުތާގެ ތެރޭގައި 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުންފުނިތަކާއި ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ، 100 އިންސައްތަ ދިވެހި ކުންފުނިތަކެއްކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، 5 ކުންފުނިން މިމަސައްކަތް ކުރުމަށް ރާވާފައިވާއިރު ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. މީގެތެރެއިން ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެއް ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ތަރައްޤީކުރާ ޔުނިޓުތަކަކީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންގއަށް ތަރައްޤީކޮށްފައިވާ ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކަކަށްވާނެ ކަމަށެވެ.
2 ކޮޓަރިތަކުގައި 700 ފޫޓު އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މިއިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާއި ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ. މިމަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ، ހުޅުމާލެ ފޭސް 2 ގައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު އެކި މަރުހަލާގައި އެކި މަސައްކަތް މާލެ ސަރަޙައްދާއި އަތޮޅުތަކުގެ ރަށްރަށުގައިވެސް އަންނަނީ، ކުރަމުންނެވެ. މާލެ ސަރަޙައްދަށް ބަލާއިރު، ހުޅުމާލެ ފޭސް 1ގައި 3 ބިމެއް ދިވެހި ކުންފުނިތަކާއި މިހާރު ވަނީ ޙަވާލުކޮށްފައެވެ. ވިލިމާލޭގައިވެސް 1 ބިން ދިވެހި ކުންފުންޏަކާއި ވަނީ ޙަވާލުކޮށްފައެވެ.
ހަމައެއާއެކު ޗައިނާގެ 2 ކުންފުންޏަކާއި ހުޅުމާލެ ފޭސް 2 ކުން ބިންވަނީ ޙަވާލުކޮށްފައެވެ. އެމަޝްރޫޢުގެ ދަށުން ޑިޒައިން ކުރުމުގެ މަސައްކަތް ނިމި، ހުއްދަތައް ލިބުމާއެކު މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.