ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ ނެދަލަންޑްސްގެ ޓީމު މެޗަކަށް މެޗެއް ދަތުރު ކުރަމުންދަނީ ރަނގަޅު މިސްރާބުންކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ގްރޫޕް އެފްގައި ސްވިޑްން އާއި ބައްދަލުކޮށް 5 ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ކޫމަން ބުނީ މިމެޗުގެ ނަތީޖާ ފުރަތަމަ މެޗަށްވުރެ ރަނގަޅު ކަމަށާއި ކޮންމެ ޓީމެއްވެސް ބޭނުންވާނީ ފުރަތަމަ މެޗުގައިވެސް މޮޅުވާން ކަމަށާއި ނަމަވެސް އޭނާގެ ޓީމު މިދާ މިސްރާބު ރަނގަޅު ކަމަށެވެ.
ނެދަލަންޑްސްގެ ކޯޗު ބުނީ ސްވިޑްން މެޗުގައި ދެއްކުނު ކުޅުމުގެ ސަބަބުން ޓީމަށް ހިތްވަރު ލިބިގެންދިޔަ ކަމަށާއި ނަމަވެސް މިމެޗުގައި އެންމެ ރަނގަޅަށް ނުކުޅެވި ދިޔަ ވަގުތު ތަކުގެ ސަބަބުން އިތުރު ކަންތައްތަކެއް ދަސްވެގެންވެސް ގޮސްފައިވާކަމަށެވެ. އަދި މެޗަށް ނިކުންއިރު ޖަޕާން މެޗު އެއްވަރު ވެފައިވުމުން ޓީމަށް ކޮންމެވެސް ވަރަކަށް ޕްރެޝަރު އޮތް ކަމުގައިވެސް ކޫމަން ހާމަކުރިއެވެ.
ކޫމަން ބުނީ މިމެޗުގައި ލިބިގެންދިޔަ ނަތީޖާ އާއި ކުޅުމުގެ ސަބަބުން ކުރިއަށް އޮތް މެޗަށް ތައްޔާރުވާން ފަސޭހަ ވެގެންދާނެކަމަށެވެ. އަދި ނެދަލަންޑްސްގެ ޓީމުން މިމުބާރާތުގައި މިހާތަނަށް ކާމިޔާބު ކޮށްފައިވާ ލަނޑު ތަކުގެ ސަބަބުން އިދިކޮޅު ޓީމުތަކުން އެޓީމާއި ކުޅޭއިރު ޖެހިލުން ވާނެކަމަށް ގަބޫލް ކުރާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަދި ހުރިހާ ކަމެއް އެންމެ ބޭނުންވާ ގޮތަށް އެއްވެސް މެޗެއްގައި ނުދާނެ ކަމަށާއި ކޮންމެ މެޗެއްގައިވެސް ބޭނުންވާ ގޮތައް ކަންތައްތައް ދާ ވަގުތު ކޮޅު އަންނާނެ ކަމަށާއި އެހެން ކަމުން މިމެޗުގައި މިލިބުނު ކާމިޔާބީ އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސްވިޑްންގެ ކޯޗު ގްރަހަމް ޕޮޓަރ ބުނީ މެޗުގެ ނަތީޖާ އެންމެ ރަނގަޅު ނޫން ކަމަށެވެ. އަދި މިމެޗުގައި ނެދަލަންޑްސް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައިކަމަށާއި މިމެޗުން އެޓީމު މޮޅުވުން ހައްގު ކަމަށެވެ.
ޕޮޓަރ ބުނީ މިވަގުތު މުހިންމީ މިމެޗިުގައި ރަނގަޅަށް ކުރެވުނު ކަންތަކުން ހިތްވަރު ލިބި ކުރިއަށް ހުރި މެޗުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާއި މެޗު ވިސްނުމެވެ.