ޚަބަރު

މަހަކު 63 ޓަނުގެ ސީވީޑް އެކްސްޕޯޓްކުރޭ


  • މިއީ ގާތްގަނޑަކަށް 5 ކޮންޓެއިނަރގެ ސީވީޑް

  • އިތުރު ފަރާތްތަކުން ދަނީ ސީވީޑް އާލާކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުން

ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް މި ސިނާއަތައް ބައެއް ފަރާތްތަކުން ވަނީ އިންވެސްޓްވެސްކޮށްފައެވެ. ރާއްޖޭގައި ސީވީޑް އާލާކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން 5 ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އެ 5 ސަރަޙައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި ސީވީޑް އާލާކުރުމުގެ މަސައްކަތް މިހާރު ކުންފުންޏަކުން ތަޖުރިބާކޮށްފައިވާކަމަށެވެ. އެ މަސައްކަތް ފެނިގެންދަނީ ވަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް ފެށީ 100 ވަރަކަށް ކިލޯގެ ސީވީޑް ކަލްޗަރ ކުރަން ފަށައިގެންކަމަށާއި މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ ސީވީޑް ހާވެސްކޮށް އެކްސްޕޯޓްކުރާކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ކުރަމުންދަނީ ބ. ފެހެންދޫގައެވެ.

"އެބޭފުޅުން ފެށީ ގާތްގަނޑަކަށް 100 ވަރަކަށް ކިލޯގެ ސީވީޑު ކަލްޗަރކުރަން ފެށީ. އެހެންނަމަވެސް މިހާރު އެބޭފުޅުން ގާތްގަނޑަކަށް މަހެއްގެ މައްޗަށް 63 ޓަނުގެ ޑްރައިޑް ސީވީޑް ހާވެސްޓް ކުރާކަމަށް އެ ބޭފުޅުން އަޅުގަނޑުމެންނަށް މައުލޫމާތުދީފައި އޮތީ. 63 ޓަނުގެ ޑްރައިޑް ސީވީޑަކީ އެއީ ގާތްގަނޑަކަށް ބަލާނަމަ 5 ކޮންޓެއިނަރގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް. އެހެންވީމަ މިއީ ހަމަ ރަނގަޅު އިންވެސްޓްމަންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އަޅުގަނޑުމެން މިވަގުތު މި މަސައްކަތް ކުރަނީ މި މަސައްކަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ފަތުރާލުމުގެ މަސައްކަތް." މުއްޠަލިބު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ގއ. އަތޮޅުގައިވެސް ދިވެހިންގެ ބަޔަކު ސީވީޑް ކަލްޗަރކުރުމުގެ އިންވެސްޓްމަންޓެއް ކުރަމުންދާކަމަށެވެ. އަދި ސީވީޑް ކަލްޗަރ ކުރުމަށް އިތުރު ޕްރޮޕޯސަލް ލިބިފައިވާކަމަށެވެ.

މި މަސައްކަތް ރަނގަޅަށް އެކަށީގެންވާ ގޮތެއްގައި ފުޅާވަމުންގޮސް ކަޅުބިލަ މަހުގެ މަސްވެރިކަމާއި އެއްވަރުގެ އާމްދަނީއެއް ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް ކައިރި މުސްތަޤްބަލުގައި ލިބިގެންދާނެކަމަށް އުންމީދުކުރެވޭކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް 'މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ޚާއްޞަ ސްކީމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.