އޭޝިއަން މައިންޑް ގޭމްސް އެސޯސިއޭޝަން (އަމްސާ)އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ސައުތް އީސްޓް އޭޝިއަން މައިންޑް ގޭމްސްގެ ކެރަމް މުބާރާތުގެ ކޮމްޕެޓިޝަން ޑިރެކްޓަރުގެ މަގާމް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް ހުސައިން ރައުޝާންއަށް އަދާކުރައްވައިފިއެވެ.
ހޮންގކޮންގުގައި ހުންނަވާ މިކަމާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ރައުޝާން ވިދާޅުވީ އަމްސާގެ މުބާރާތެއްގައި ކެރަމް ހިމެނުނު މިއީ ފުރަތަމަ ފަހަރުކަމަށެވެ. އަދި ކެރަމަކީ އަމްސާގެ ޑިސިޕްލިންއަކަށްވުމުން މިކުޅިވަރު ކުރިއަރުވާ، ތަރައްގީކުރުމަށް މުސްތަގުބަލަށް ގިނަ ކަންތައްތަކެއްކުރެވެމުންދާކަމަށެވެ.
މީގެ އިތުރުން އަމްސާގެ މެންބަރަކަށް ރާއްޖެ ހެދުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށާއި އެކަން ހާސިލްވުމުން އަމްސާގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށްވެސް ލިބިގެންދާނެކަމަށް ރައުޝާންވަނީ ފާހަގަކުރައްވާފައެވެ.
އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަންގެ ނައިބު ރައީސްކަންވެސް ކުރައްވަމުން އަންނަ ރައުޝާން ވިދާޅުވީ މިފަދަ ޝަރަފެއް ލިބުމަކީ ރާއްޖޭގެ ކެރަމްއަށްވެސް ލިބުނު ކުރިއެރުމެއްކަމަށެވެ.
ދެވަނަ ސައުތް އީސްޓް އޭޝިއަން ގޭމްސް ކުރިއަށްދިޔައީ މިމަހުގެ 19 އިން 20 ގެ ނިޔަލަށް ހޮންގކޮންގގައެވެ. މިމުބާރާތުގައި ވާދަކޮށްފައިވާ ގައުމުތަކަކީ ސިންގަޕޫރު، ތައިލޭންޑް، ސައުތު ކޮރެއާ، ހޮންގކޮންގގެ އިތުރުން މެލޭޝިއާއެވެ.