ފީފާ ވޯލްޑް ކަޕް 2026ގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ޖާގައެއް ހޯދުމާ ގާތަށް އެމެރިކާއިން ޖެހިލައިފިއެވެ.
އެމެރިކާއިން ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ޖާގައަކާ ފިޔަވަޅެއްހައި ގާތަށް ޖެހިލީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި އޮސްޓްރޭލިއާ ވެސް ބަލިކޮށްގެންނެވެ.
އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އެމެރިކާ މޮޅުވީ 0-2 އިންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު އެމެރިކާއިން ލަނޑެއްޖަހައި ލީޑުނެގިއެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އެމެރިކާއިން ކާމިޔާބުކުރި މި ލަނޑަކީ އެޓީމުގެ ފޮލަރިން ބަލޯގަން އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް، އޮސްޓްރޭލިއާގެ ޑިފެންޑަރު، ކެމަރަން ބާޖެސްގެ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.
މުޅި މެޗުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ އެމެރިކާއިން އެ ޓީމުގެ ދެވަނަ ލަނޑުވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ޖަހާފައެވެ.
ހާފު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ފްރީމަންއެވެ.
މި މޮޅާއެކު އެމެރިކާއަށް ގަދަ 32ގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންވެފައިވީ ނަމަވެސް، މުޅިން ކަށަވަރުވެފައެއް ނުވެއެވެ. ވުން ވަރަށް ނާދިރު އެހެންނަމަވެސް ދިމާވެދާނެ ގޮތަކުން އެ ޓީމަށް ފުރުސަތު ގެއްލިދާނެއެވެ. އެމެރިކާއަށް ޖާގަ ޔަގީންވާނީ ހެނދުނު 8 ޖަގާއިރު ކުޅޭ މެޗުގައި ތުރުކީ އާއި ޕެރެގުއާއި އެއްވަރުވެއްޖެނަމައެވެ.
އެމެރިކާއަށް ގަދަ 32ގެ ޖާގައެއް ގެއްލެން އޮތް ގޮތަކީ، ތުރުކީން ޕެރެގުއާއި ބަލިކޮށް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެމެރިކާގެ މައްޗަށް ވެސް ކުރިހޯދައިގެންނެވެ. އަދި ދެމެޗުން ވެސް، ކޮންމެ މެޗަކުން މަދުވެގެން ތިން ލަނޑުގެ ތަފާތަކުން ތުރުކީ މޮޅުވާން ޖެހޭނެއެވެ.
މީގެއިތުރުން، އޮސްޓްރޭލިއާއިން ވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަނގަޅު ގޯލް ޑިފަރެންސަކުން ޕެރެގުއާއި އަތުން މޮޅުވާން ޖެހޭނެއެވެ.
މި ހުރިހާ ހާލަތެއް މެދުވެރިވެގެންވެސް އެމެރިކާއަށް، މި ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެބައޮތެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ 12 ގުރޫޕުގެ ތެރެއިން 8 ގުރޫޕެއްގެ ތިންވަނަ ހޯދާ ޓީމަށް ގަދަ 32 ބުރުން ޖާގަ ލިބޭނެއެވެ.
އެމެރިކާއިން މިހާތަނަށް ހަ ޕޮއިންޓު ހޯދާފައިވުމާއެކު، އެ ފުރުސަތުވެސް އެމެރިކާއަށް ލިބުން ގާތް ނަމަވެސް މުޅިން ކަށަވަރެއް ނުވެއެވެ. ތިންވަނަ ޓީމުގެ ގޮތުގައި ވިޔަސް އެމެރިކާއަށް ޖާގަ އެއްކޮށް ގެއްލޭނީ ބާކީ 11 ގުރޫޕުގެ ތެރެއިން އަށް ގުރޫޕެއްގެ ތިންވަނަ ހޯދާ ޓީމުތައް އެމެރިކާއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެގެންނެވެ. މިހާތަނަށް ނުކުމެފައިވާ ނަތީޖާތަކަށް ބަލާއިރު މިއީ ވުން ވަރަށް ނާދިރު ކަމެކެވެ. އެހެންނަމަވެސް ނުވާނެކަމެއް ވެސް ނޫނެވެ.