ޚަބަރު

މައިކިޔު ސްޓަޑީ ފެއަރއަށް ބޮޑު ތަރުޙީބެއް


  • އިއްޔެ އެކަނިވެސް 675 ފަރާތަކުން ފެއަރއަށް ޒިޔާރަތްކުރި

  • ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތު ލިބޭ

  • އެކި ޤައުމުތަކުގެ 330 އަށްވުރެ ގިނަ ޔުނިވަރސިޓީން ބައިވެރިވޭ

ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުސަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދާ ސްޓަޑީ ފެއަރއަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް މި ފެއަރ އިންތިޒާމްކުރާ މައި ކިއު ސްޓަޑީޒްއިން ބުނެފިއެވެ.

މި ފެއަރ ކުރިއަށްދާނީ، އިއްޔެއާއި މިއަދު ހަވީރު 5 އިން 10އަށް ބާސެލޯ ނަސަންދުރާގައެވެ. މީގެ އިތުރުން ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައިވެސް އިރުއޮއްސި 6 އިން 10 ކުރިއަށްދާނެއެވެ.

މައި ކިއު ސްޓަޑީޒްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މި ފެއަރގެ ތެރެއިން އެކި ޤައުމުތަކުގެ އަމިއްލަ އަދި ސަރުކާރުގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތައް ހިއްސާކުރާނެއެވެ. މިއަހަރުގެ ފެއަރގައި މެލޭޝިޔާއާއި، އެމެރިކާއާއި، ޗައިނާއާއި، އިންޑިއާގެ އިތުރުން އިންޑޮނޭޝިއާގެ ޔުނިވަރސިޓީތައް ހިމެނެއެވެ.

މި ފެއަރއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. މިއަހަރުގެ މި ފެއަރގެ ފުރަތަމަ ދުވަހު އެކަނިވެސް 670 އެއްހާ ދަރިވަރުން ޒިޔާރަތް ކޮށްފައިވާ ކަމަށް މައި ކިއު ސްޓަޑީޒްއިން މައުލޫމާތުދެއެވެ.

މައި ކިއު ސްޓަޑީސްއިން ބުނީ، މިއަހަރުގެ މި ފެއަރގައި 330 އަށްވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މިއީ 2019ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރު އެންމެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވާ އަހަރު ކަމަށެވެ.

މައި ކިއު ސްޓަޑީޒްއިން އަންނަނީ، 2019ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި މި ފެއަރ ބާއްވަމުންނެވެ. ފެއަރގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު ދޭނެއެވެ.

ކޮންމެ އަހަރަކު ބާއްވާ ފެއަރތަކަށްވެސް އާންމުންގެ ފަރާތުން އޮންނަ ތަރުޙީބު އިތުރުވަމުން އަންނަ ކަމަށް މައި ކިއު ސްޓަޑީޒްއިން ފާހަގަކުރައްވައެވެ. އަދި އެކި ޤައުމުތަކަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވާކަން ފާހަގަކުރެވޭކަމަށްވެސް މައި ކިއު ސްޓަޑީޒްއިން ބުނެއެވެ.