ޚަބަރު

ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް، ރައްޔިތުންނަށް އިތުރު ލުޔެއް!


  • މި ޚިދުމަތަށް ވިލިމާލޭގައި 4 ކާރު ބޭނުންކުރާނެ

  • މިއީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް

  • ވިލިމާލޭ ރައްޔިތުންނަށް މިއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް

މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.

"މާލޭ ޓެކްސީ ލައިން" އަކީ މާލޭ ސަރަޙައްދުގެ ރައްޔިތުން ޓެކްސީ ހޯދުމުގައި އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ މަތީން ފަރުމާކޮށް، އަމަލީ ސިފަ ގެނެސްފައިވާ މަޝްރޫޢެކެވެ.

ޒަމާނުއްސުރެ މާލޭގައި ޓެކްސީއެއް ހޯދުމަކީ އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ވިއްސާރަ ދުވަސްތަކާއި، އޮފީސް ގަޑިތަކުގެ އިތުރުން ދަންވަރުގެ ވަގުތުތަކުގައި ވެސް ޓެކްސީއެއް ނުލިބި، މަގުމަތީގައި ގިނަވަގުތު ހޭދަކުރަންޖެހުމަކީ އާންމުން އުފުލަމުންދިޔަ ބޮޑު ތަކުލީފެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ.

މި ޚިދުމަތް ފެށި ފަހުން، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކު މި ޚިދުމަތް ބޭނުންކުރަން ފަށާފައިވާއިރު، ޓެކްސީ ހޯދުމުގައި ކުރިން ދިމާވި ދަތިތަކަށް ބޮޑު ލުޔެއް ލިބިފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް ހަމައެކަނި މާލެއަށް ދިނުމުގެ ބަދަލުގައި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ފުޅާކުރުމެވެ. ވިލިމާލޭގެ އިތުރުން އައްޑޫ ސިޓީއަށްވެސް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ތެރެއިން، މިހާރު ވިލިމާލޭގައި ވަނީ "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. ވިލިމާލޭގައި މި ޚިދުމަތް ދިނުމަށް 4 ކާރެއް ބޭނުންކުރާނެއެވެ.

ވިލިމާލެއަކީ މާލެއެކޭ އެއްފަދައިން ބަހުގެ ޚިދުމަތް ދެމުން އަންނަ ތަނަކަށް ވީނަމަވެސް، އެ ރަށުގެ މަގުތައް ހަނިވުމުގެ ސަބަބުން ބަސް ދަތުރުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ބައެއް ހަނި މަގުތަކަށް ބަސް ނުވަދެވުމާއި، ބަސް މަޑުކުރާ ތަންތަނަށް ދިއުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. ނަމަވެސް، މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު، ވިލިމާލޭގެ ކޮންމެ ސަރަޙައްދަކަށްވެސް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު މިވަނީ ފަހިވެފައެވެ.

ވިލިމާލޭގައި މި ޚިދުމަތް ފެށުމާއެކު، އެ ރަށުގެ ރައްޔިތުން ތިބީ އުފަލުންނެވެ. ރަށުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، މިއީ އެ ފަރާތްތަކުން ޒަމާނުއްސުރެ ނުހަނު ބޭނުންވެފައިވާ، އަދި ދިރިއުޅުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ޚިދުމަތެކެވެ. ޚާއްޞަކޮށް ބަލިމީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން ގޮވައިގެން ދަތުރުކުރާ ފަރާތްތަކަށް މިއީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މި މުހިންމު ޚިދުމަތް ވިލިމާލެއަށް ތަޢާރަފްކޮށްދެއްވިކަމަށްޓަކައި، ވިލިމާލޭގެ ރައްޔިތުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު، ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ އައު ދިރުމެއް ލިބި، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހިފައެވެ.

"މިއީ ވަރަށް މުހިންމު ޚިދުމަތެއް. އަޅުގަނޑުމެން ވަރަށް ބޭނުންވެފައި ތިބި ކަމެއް ފުރިހަމަވެގެން މިދިޔައީ. ލަގެޖުފަދަ ތަކެތި އުފުލުމަށް ވަރަށް އުނދަގޫވޭ. މި ކަމާއެކު ވަރަށް ބޮޑުތަނުން ފަސޭހަވާނެ" ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ވިލިމާލޭގެ ރައްޔިތަކު ބުންޏެވެ.

ޓެކްސީ ލައިންގެ ޚިދުމަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި ޚިދުމަތަށް ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ. މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ގެެނެސްފައިވަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ. ކާރުތައް ގެނައުމުގައި މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަ މޮޑެލްއެއް ގެނައުމަށް ވަރަށް ބޮޑަށް ބަލާފައި ވާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.