ރިސޯޓްތަކުން ބިމު ކުއްޔާއި، އެ ކުލި ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި ދަޢުލަތަށް ނުލިބިވާ ފައިސާގެ އަދަދު 97 މިލިޔަނަށް ޑޮލަރަށް އަރާކަމަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރިސޯޓް ހިންގާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޓެކްސް ނިޒާމާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ހަރަކާތްތެރިވާ ފަރާތްތައްކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކާއި، ހުއްދައާއި ނުލާ އަމިއްލައަށް ބަންދުކޮށްފައިވާ ތަންތަނުގެ ކުލި ނުދައްކާހުރިކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން މިހާތަނަށް ނުދައްކާ ހުރި ފައިސަގެ އަދަދު 97 މިލިއަނަށް ޑޮލަރަށް އަރާކަމަށް މީރާގެ ތަފާސްހިސާބުތަކާއި ހަވާލާދެއްވާ ވަޒީރު ވިދާޅުވިއެވެ.
ބައެއް ރިސޯޓްތަކުން 2013އިން ފެށިގެން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދިގު މުއްދަތެއްގެ ތެރޭގައި ހިންގާފައި ހުރި ތަންތަންކަމަށްވުމާއެކު އެ މައްސަލަ ހައްލުކުރަން ވަގުތު ނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެއް ނިޒާމެއްގެ ތެރެއިން ހަމަހަމައަށް ޢަމަލުކުރެވޭނެފަދަ އުސޫލުތަކެއް އެކުލަވާލާނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ދޭ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކަށް އަަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅުއަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް އެ ފައިސާ ހޯދުމަށް ކުރާ މަސައްކަތުން ކުރިއެރުންތަކެއް އެބަ ލިބޭ. އެ ރެންޓުތައް ނުލިބުމަކީ ވަރަށް ގޯސް މާހައުލެއް އުފެދިދާނެ ކަމެއް."ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.
ރިސޯޓްތައް އޮޕަރޭޓްކުރަން ޖެހޭނީ ރިސޯޓް ހިންގާ ބިމަށް ދޭންޖެހޭ ކުއްޔާ، އެ ކުލި ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދައްކައިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރިސޯޓުތަކުން ނަގާ ކުއްޔަކީ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ކުއްޔަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ރިސޯޓު، ހޮޓާ، ގެސްޓްހައުސް ނުވަތަ ޔޮޓް މެރީނާ ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މިހާރު ރިސޯޓުތަކުން ކުލި ނަގަނީ އެ ރިސޯޓެއް އޮންނަ އަތޮޅަކަށް ބަލައި، ބިމުގެ ބޮޑުމިނަށް އަކަމީޓަރަކަށް ވަކި ރޭޓަކުންނެވެ.