ޚަބަރު

ފަހު ކުއާޓަރުގައި 7 އެއާލައިނެއް ދަތުރު ފަށާނެ، ފަތުރުވެރިންގެ އަދަދު ދަށެއް ނުވާނެ


  • އަންދާޒާ އަށްވުރެ %24ގެ ދަށްވުމެއް އައި

  • މިހާރު މިއަދަދު %2.6އަށްވަނީ ކުޑަކުރެވިފައި

  • ފަގު ކުއާޓަރުގައި އެރައިވަލް އިތުވާނެކަމަށް ބެލެވޭ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުން އަރައިގަތުމުގައި މިހާތަނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ފަތުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ފަތުރުވެރިކަމުގެ ސިނާޢަތް އިއާދަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކަމުގައި ލިބިފައިވާ ކުރިއެރުންތައް ޙިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާރިޗު، އޭޕްރިލް، މެއި އަދި ޖޫން މަހާއި ހަމައަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށެވެ.

ނަމަވެސް ސަރުކާރުން އެކުލަވާލި މިނިސްޓީރިއަލް ކޮމިޓީއާއި އިންޑަސްޓްރީއާއެކު ކުރި މަސައްކަތްތަކާއެކު މިހާތަނަށް ޙާލަތުން އަރައިގަތުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އަހަރުގެ ފަހު ކުއާޓަރަށް ފެންނަމުންދަނީ އުއްމީދީ މަންޒަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި މުއްދަތުގައި %24ގެ ދަށްވުމެއް ފަތުވެރިކަމުގެ ސިނާއަތަށް އައި. ނަމަވެސް މިހާރު އެ ދަށްވުން ރިކަވަރ ކުރެވެމުން އައިސް %2.6އަށް ކައިރި ކުރެވިއްޖެ. ފަހު ކުއާޓަރަށް އުއްމީދު ބޮޑު. މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ އެރައިވަލް ދަށް ނުވާނެ." ވަޒީރު ވިދާޅުވިއެވެ.

މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ، 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ނަމަވެސް ކުރިމަތިވި ޙާލަތަކީ ދުނިޔޭގެ ސިނާއަތްތަކަށް އައި ބަދަލަކަށްވުމާއެކު، ވަރަށް ގިނަ ކަންތައްތަކަކީ އަމިއްލަ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތައް ކަމަށް އަމީން ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން އިންޑަސްޓްރިއާއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އެގޭ ކާމިޔާބީ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. މިހާރުވެސް މި ސީޒަންގައި އިތުރު 7 އެއަރލައިނެއްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

"ރަޝިޔާ، ބަލްގޭރިއާ، ވިއެޓްނާ، އަރްމޭނިއާ، އިތިއޯޕިއަންސް އެއަރލައިން، ފްރާސް، ކުވައިތް އެއަރއިންވެސް ފްލައިޓްތައް ބާއްވާނެ. ބައެއް އެއަރލައިންތަކުން އެޑިޝަނަލް ފްލައިޓްތައް ބާއްވާނެ." ވަޒީރު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން ކަނޑައަޅާފައިވަނީ، 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.4 މިލިޔަން ފަތުރުވެރިން ގެނެސްފައިވެއެވެ. ދިމާވި ދަތިތަކުން އަރައިގަނެ، ރާއްޖެއިން މިހާރު ދަނީ ފަތުރުވެރިން ގެނައުމަށް އިތުރު މާކެޓުތައް ހޯދުމާއި އިޝްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.