ޚަބަރު

އަންނަ ހަފްތާއިން ފެށިގެން އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ ދޫކުރާނެ


  • މިހާރުވެސް ހުރި އަގުގައި އެސްޓީއޯއިން ފިޔާ ލިބޭނެ

  • އެސްޓީއޯގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 13 ރުފިޔާއަށް

އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

އެސްޓީއޯއީން ވިދާޅުވީ، ފިޔާ ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށާއި ފިޔާ ވިއްކާ އަގު އުފުލެމުންދާކަމަށްބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އެ ކުންފުންޏަށް މަޢުލޫމާތު ލިބެމުން އަންނަކަމަށެވެ.

އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެސްޓީއޯއިން ފިޔާ ލިބެން ހުންނާނެކަމަށާއި، ފިޔާ ވިއްކަމުންދަނީ ކުރިންވެސް ވިއްކަމުންދިޔަ އަގުގައިކަމަށް އެކުންފުނިން ވިދާޅުވިއެވެ. އެސްޓީއޯގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 13 ރުފިޔާއަށެވެ.

މީގެއިތުރުން އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.