ވޯލްޑްކަޕާ ގުޅިގެން ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ޓީވީއެމް އިމާރާތުގެ ގޯތިތެރޭގައެވެ.
ވޯލްޑްކަޕާ ގުޅުވައިގެން ބޭއްވި ކުޑަކުދިންގެ ހަވީރަކީ އެކުވެރި މަޖާ މާހައުލެއްގައި ވޯލްޑްކަޕްގެ ފޯރި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވީހާވެސް ގިނަ ކުޑަކުދިންނަށް ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަވީރުގައި 19 ސްޓޯލެއް ބަހައްޓާފައިވެއެވެ. ކޮންމެ ސްޓޯލް އެއްވެސް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިން ޝައުގުވެރިވާނެ ފަދަ ކުޅިވަރުތަކާއެކީގައެވެ.
އެކި އުމުރުފުރާތަކުގެ ކުޑަކުދިން ޝައުގުވެރިވާނެފަދަ ކުޅިވަރުތައް ކުޅެވޭނެގޮތަށް އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ހަވީރަކީ ކުޑަކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވެ ހަދިޔާވެސް ލިބޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ހަވީރެކެވެ.
ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކުގައި ބައިވެރިވި ބައެއް ކުޑަކުދިން ވަނީ އެ ކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.
"ބައްޕައާއެކު މިތަނަށް އައިސް ގޭމް ކުޅެފަ، ހަދިޔާ ލިބުނީމަ ވަރަށް އުފާވޭ. ވަރަށް ބޭނުންވޭ އަދިވެސް ހުރިހާ ކުޅިވަރެއްގަވެސް ބައިވެރިވާން." ކުއްޖަކު ބުންޏެވެ.
"ވަރަށް ކަމުދިޔަ ފުޓްބޯޅަ ގޭމް. ކޮއްކޮމެންނާއެކު ކުޅެން ވަރަށް މަޖާ." އެހެން ކުއްޖަކު ބުންޏެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.
ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކާއި ކުޅުންތެރިންގެ މަޢުލޫމާތާއެކު ދިވެހިންނަށް ޚާއްޞަކޮށްގެން ޕީއެސްއެމުން ވަނީ ވެބްސައިޓެއްވެސް ލޯންޗުކޮށްފައެވެ.