ޚަބަރު

އީރާނަށްވުރެ އިހާނެތިކޮށް ހިތި ޓީމެއް ނެތް: އީރާން ކޯޗު


  • އީރާން އާއި ނިއުޒީލަންޑް ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހްގައި އީރާން އަށް ވުރެ ބޮޑަށް އިހާނެތިކޮށް ހިތި ޓީމެއް އޮންނާނެހެން ހީނުވާކަމުގައި އީރާން ޓީމުގެ ކޯޗު އާމިރު ގަލެނޯއި ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ވޯލްޑް ކަޕް ގްރޫޕް ޖީ ގައި އީރާން އާއި ނިއުޒީލަންޑާއި ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ގަލެނޯއީ ހާމަކުރިގޮތުގައި އީރާން ޓީމުގެ އެއްވެސް ކަމެއް އެޓީމަށް ނޭނގޭ ކަމަަށެވެ. އެޓީމުގެ ހުރިހާ ކަމެއް ނިންމަނީ އެހެން ފަރާތްތަކުންކަމަށާއި އީރާން ޓީމުގެ އަތްމަތީ އެއްވެސް ބާރެއް ނެތް ކަމަށެވެ. މިއީ ތާކުން ތާކު ޖެހޭ ކަމެއް ނޫންކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

އޭނާ ހާމަކުރިގޮތުގައި ނިއުޒީލަންޑާއި ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ލޮސް އެންޖަލިސްއަށް ދެ ދުވަސް ކުރިން އަންނަ ގޮތަށް އޮތް ނަމަވެސް އެކަން އެގޮތަށް ކުރުމަށް ހުއްދަ އެއް ނުލިބުނެވެ. އަދި މެޗަށްފަހު ޓީމު ރެސްޓް ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު އެނބުރި މެކްސިކޯއަށް ދިއުމަށް ބޭނުންވި ނަމަވެސް އޭނާގެ ޓީމަށް އަންގާފައިވަނީ މެޗަށްފަހު ވަގުތުން މެކްސިކޯއަށް އެނބުރި ދާން ޖެހޭނެ ކަމަށާއި އަދި ލޮސް އެންޖަލިސްގައި މަޑުކުރުމުގެ ފުރުސަތެއް ނުލިބޭނެކަމަށެވެ.

މެޗުކުޅޭ މާހައުލަށް ހޭނުމަށްޓަކައި ދެ ހަފްތާކުރިން މުބާރާތަށް ދަތުރު ކުރުމަށް އެދި އީރާން އިން ހުށަހެޅިނަމަވެސް އެކަމަށްވެސް ހުއްދަ ލިބިގެން ގޮސްފައިނުވާކަމަށެވެ. އެހެން ކަމުން މިމުބާރާތުގައި އީރާނުން ބައިވެރިވި ނަމަވެސް އެޓީމުން ދުވަސްތައް ހޭދަކުރަމުންދަނީ ވަރަށް އުނދަގުލުގައެވެ. އެހެން ކަމުން އޭނާ ގަބޫލް ކުރާގޮގައި އީރާން ވެގެންދާނީ ވޯލްޑް ކަޕްގެ ތާރީހްގައި އެންމެ އިހާނެތިކޮށް ކަންތައް ކުރެވިގެންދިޔަ ޓީމަށް ކަމަށެވެ.

ގަލެނޯއީ ވަނީ ލޮސް އެންޖަލިސް ސްޓޭޑިއަމްގައި އީރާންގެ ޓީމަށް ލިބިގެންދިޔަ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ދަނޑު ތެރެއިން ފެނިގެންދިޔައީ ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އީރާން ޤައުމީ ޓީމަށް އަދި ޤައުމަށް އޮތް ލޯބި ކުޅިބެލުންތެރިންގެ ތެރޭގައި އޮތް ވަރެވެ. އަދި މިއީ މިމެޗުގައި އެޓީމަށް ކާމިޔާބު ލިބުމާއި އެއްވަރުގެ ކަމެއްގެ ގޮތުގައި އީރާންގެ ކޯޗު ފާހަގަ ކުރިއެވެ. އަދި ކުރިއަށް އޮތް މެޗުތަކުގައިވެސް އެމެރިކާގައި ދިރިއުޅޭ އީރާންގެ ރައްޔިތުންގެ ފަރާތުން މިތަރުހީބު އެޓީމަށް ލިބިގެންދާނެކަމަށް އުންމިދު ކުރާކަމަށް ގަލެނޯއި ހާމަކުރިއެވެ.

ހަމައެއާއެކު އޭނާވަނީ އީރާން ޓީމު ކޭޕް ޖަހާފައިވާ މެކްސިކޯގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންގެ ފަރާތުން ބަހައްޓަމުންދާ ގާތް ކަމާއި މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނިއުޒީލަންޑްގެ ކޯޗު ޑެރެން ބީޒްލީ ވަނީ އީރާނާއި ދެކޮޅަށް އޭނާގެ ޓީމުން ދެއްކި ކުޅުމާއި މެދު ފަހުރުވެރިވާކަން ހާމަކޮށްފައެވެ.

އޭނާ ބުނީ މިމެޗާއި ގުޅިގެން ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށެވެ. މިގޮތުން މެޗު ކުޅުނު ސްޓޭޑިއަމް އާއި ދަނޑުގެ ވިނަގަނޑުވެސް ވަރަށް ރަނގަޅު ކަމަށާއި އަދި ދަނޑު ތެރޭގައި ސަޕޯޓަރުންގެ ފޯރިވެސް އެހާމެ ރަނގަޅު ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިންގެ ފަރާތުން މިމެޗުގައި ފެނިގެންދިޔައީ އެހާމެ ރަނގަޅު ކުޅުމެއްކަމަށްވެސް ބީޒްލީ ފާހަގަ ކުރިއެވެ. ދިމާވި ހަމައެކަނި މައްސަލަ އަަކަށްވީ މެޗު ކާމިޔާބު ނުކުރެވުން ކަމަށް އޭނާ ފާހަގަ ކުރިއެވެ.