ޚަބަރު

އެފްއޭއެމް ފުޓްސަލް ލީގުގައި 50 ޓީމު، ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


  • ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހު 21ގައި

  • އަތޮޅު މުބާރާތް ފަށާނީ ޖުލައި 27ގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން، މުޅި ރާއްޖެއަށް ހުޅުވާލައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެފްއޭއެމް ފުޓްސަލް ލީގުގައި 50 ޓީމަކުން ބައިވެރިވެއްޖެއެވެ.

އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި ފުރަތަމަ ފަހަރަށް ފުޓްސަލް ހިމަނާފައިވާއިރު އެންމެ ފުރަތަމަ ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް އިއުލާނުކުރީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

މުޅި ރާއްޖެއަށް ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އަންނަ މަހު 27 ވަނަ ދުވަހު ފަށަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މުއްދަތުގެ ތެރޭގައި މިހާތަނަށް 50 ރަށް ބަައިވެރިވެފައިވާއިރު، ބައިވެރިވުމަށް އިތުރު ފުރުސަތެއް ދޭން އެފްއޭއެމް އިން މިހާރު ވަނީ ނިންމާފައެވެ. ފުރަތަމަ ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވާން އޮތީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެފްއޭއެމް އިން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލެވިފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމެއް ކަމަށް ވުމުން އެ ރަށެއްގެ ކައުންސިލުން މަުބާރާތުގައި ބައިވެރިނުވެ، އަދި ޓީމެއް ވެސް އެންޑޯޒްކުރަން ބޭނުންނުވި ބައެއް ރަށްރަށުގެ ބައެއް ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް އެފްއޭއެމްގައި އެދެމުން އަންނަ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ހުޅުވާލީ މި ސަބަބާ ހެދިކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

އެހެންކަމުން، "ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން ބައިވެރިވުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އީމެއިލް އަށް ފޮނުއްވުން އެދޭ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ އަކަށް 7000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ކޮންމެ ރަށަކުން ވެސް އެއް ޓީމަށް ވާދަކުރެވޭ ގޮތަށް ކުރިޔަށް ގެންދަން ނިންމާފައިވާ އަތޮޅު ފުޓްސަލް މުބާރާތުގައި 20 އަތޮޅުން ބައިވެރިވާ ޓީމުތަކުގެ އަދަދުތައް ކަށަވަރުވުމުން މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުންނެވެ.

އަތޮޅު މުބާރާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބު:

  • މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް.
  • މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް.
  • މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ނުކުރާ ރަށް ރަށުގައި ރަޖިސްޓްރީ ވެފައިވާ ކްލަބް ޖަމްޢިއްޔާތައް.

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް/ރީޖަނަލް ޗެމްޕިއަންޝިޕަށް އަތޮޅުތައް ބަހާލާފައިވާ ގޮތް

  • ނޯތު ރީޖަން: މި ރީޖަނުގައި ހިމެނެނީ 7 އަތޮޅު، 2 ޒޯން، ޒޯން 1 ގައި ހއ، ހދ، ށ އަތޮޅު، ޒޯން 2 ގައި ނ، ރ، ބ، ޅ
  • ސެންޓްރަލް ރީޖަން: މި ރީޖަނުގައި ހިމެނެނީ 7 އަތޮޅު، 2 ޒޯން، ޒޯން 1ގައި ކ، އއ، އދ އަތޮޅު، ޒޯން 2 ގައި ވ، މ، ފ، ދ
  • މާލެ ރީޖަން: މާލެ، ވިލިމާލެ، ހުޅުމާލެ
  • ސައުތު ރީޖަން، މި ރީޖަނުގައި ހިމެނެނީ 6 އަތޮޅު، 2 ޒޯނު، ޒޯން 1ގައި ތ، ލ، ގއ އަތޮޅު، ޒޯން 2 ގައި ގދ، ޏ، ސ

އެފްއޭއެމުން ބުނީ އަތޮޅު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުންތެރިންނަށް ވާންޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށް ކަމަށެވެ. ކޮންމެ ރަށެއްގައި ޓީމުގައިވެސް ބިދޭސީ އެއް ކުޅުންތެރިއަކުން ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ.

އަދި އަތޮޅު މުބާރާތުން ޒޯން/ރީޖަނަލް މުބާރާތަށް ކޮލިފައިވާ ޓީމުތަކުން އަލުން ޓީމު ލިސްޓު ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އެ ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެއެވެ.