ޚަބަރު

ސްވިޑްންގެ ކުޅުންތެރިންގެ ކުޅުމަށް ކޯޗު ޕޮޓަރގެ ތައުރީފް


  • ސްވިޑްންގެ ކުޅުން ކުރިއަށް އޮތް ތާނގާ އިތުރަށް ރަނގަޅު ވާނެކަމަށް ޕޮޓަރ ފާހަގަ ކުރޭ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ސްވިޑްން އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގައި ސްވިޑްންގެ ކުޅުންތެރިން ދެއްކި ކުޅުމަށް އެޓީމުގެ ކޯޗު ގްރަހަމް ޕޮޓަރ ތައުރީފްކޮށްފިއެވެ.

ޕޮޓަރ މިކަން ހާމަކޮށްފައިވަނީ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޕޮޓަރ ބުނިގޮތުގައި ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހު އޭނާގެ ކުޅުންތެރިންވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ކަމަށާއި އަދި އެހެން ކަމުން ޓިއުނީޝިއާ އާއި ދެކޮޅަށް ދެއްކި ކުޅުމާއި މެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިޓީމު މުޅިންވެސް ފިޔަވަޅު އަޅަމުންމިދަނީ ކުރިއަށް ކަމަށާއި އަދި ކޯޗެއްގެ ހައިސިއްޔަތުން މިކުޅުންތެރިން ހޯދާފައިވާ ކުރިއެރުން އިހްސާސް ކުރެވޭކަމަށެވެ.

ނަމަވެސް ކުޅުންތެރިން އިތުބާރާއެކު ކުޅުމަށްޓަކައި ކުޅޭ މެޗުތަކުން މޮޅުވުން ވަރަށް މުހިންމު ކަމަށާއި އެހެން ކަމުން މިލިބުނު މޮޅަކީ އެކަމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކާމިޔާބީއެއް ކަމަށް ޕޮޓަރ ހާމަކުރިއެވެ.

މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޕޮޓަރ ބުނީ މިމެޗުގެ ފެށުން ވަރަށް ރަނގަޅު ކަމަށާާއި އަދި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގުން އޭނާގެ ކުޅުންތެރިންނަށް ހައްގު ކަމަށެވެ. ނަމަވެސް ބައިކޮޅަށް ވަން ލަނޑާމެދު އެހާ ހިތްހަމަ ނުޖެހުނު ނަމަވެސް ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި އެހެން އެކަން ވެދާނެކަން ގަބޫލް ކުރެވޭކަމަށެވެ.

އެންމެ ހިންހަމަ ޖެހުނީ އެވަގުތު ކުޅުންތެރިން މާބޮޑަށް ހާސްނުވެ ހަމަޖެހިގެން ކުޅުމުންކަމަށްވެސް ޕޮޓަރ ފާހަގަ ކުރިއެވެ. އަދި ދެވަނަ ހާފުގައި ސްވިޑްންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފާހަގަ ކޮށްލޭވެ ކުޅުމެއް ކަމަށްކަމަށްވެސް ޕޮޓަރ ހާމަކުރިއެވެ.

މީގެއިތުރުން ޕޮޓަރ ވަނީ އެޓީމުގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިންކަމަށްވާ އެލެގްޒެންޑަރ އިސާކް އާއި ވިކްޓަރ ގިޔޮކެރޭސްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށްވެސް ތައުރީފްކޮށްފައެވެ.

އޭނާ ފާހަގަ ކުރިގޮތުގައި މިދެކުޅުންތެރިން އެކުގައި ކުޅުމުގެ ފުރުސަތު ލިބިފައިވިލެއް މަދުކަމާއެކުވެސް އެދެކުޅުންތެރިން ގުޅިގެން ދެއްކި މޮޅުކުޅުމަށް ތައުރީފް ހައްގު ކަމަށެވެ. އަދި މުބާރާތް ކުރިއަށް ދާވަރަކަށް މިދެ ކުޅުންތެރިންގެ ޕާޓްނަރޝިޕް ވަރުގަދަވެ ކުޅުން މިހާރަށްވުރެ ރަނގަޅުވެގެންދާނެކަމަށްވެސް ޕޮޓަރ ފާހަގަ ކުރިއެވެ. އަދި މިމުބާރާތުގައި ދެން ކުޅެން ޖެހެނީ ވަރުގަދަ ޓީމަކާއި ކަން އެނގޭކަމަށާއި އެހެން ކަމުން އެމެޗަށް ފުރިހަމައަށް ޓީމު ތައްޔާރު ކުރެވޭތޯ މަސައްކަތް ކުރާނެކަމަށްވެސް ޕޮޓަރ ބުންޏެވެ.

މިމަހުގެ 20 ވަނަ ދުވަހު ސްވިޑްން ބައްދަލުކުރާނީ މިގްރޫޕްގައި އެންމެ ވަރުގަދަ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލް ކުރާ ނެދަލަންޑްސް އާއެވެ. މިގްރޫޕްގައި ނެދަލަންޑްްސް އާއި ޖަޕާން ބައްދަލުކުރިމެޗު 2 ލަނޑު 2 ލަނޑުން އެއްވަރު ވުުމުން މިވަގުތު ގްރޫޕްގެ އެއްވަނައިގާ އުޅެނީ ސްވިޑްންއެވެ.