ޚަބަރު

އެއަރޕޯޓުގެ މައި މަގެއް ބަންދުކުރާތީ ބަސް ރޫޓުތަކަށް ބަދަލުތަކެއް


  • ބަސް ރޫޓަށް ބަދަލު ގެންނަނީ 16 ޖޫން އިން ފެށިގެން 25 ޖޫންއަށް

  • މަގު ބަންދުކުރާނީ ދަންވަރު 00:00 އިން ފަތިހު 05:00 އަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ އާރްޓީއެލް އެއަރޕޯޓް ބަސް ރޫޓަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ 16 ޖޫން އިން 25 ޖޫންގެ ނިއަލަށް އެއަރޕޯޓުގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުންޏަށް އަންގާފައިވާކަމަށެވެ. މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމުއްދަތުގެ ތެރޭގައި ކޮންމެ ރެއަކު ރޭގަނޑު 00:00އިން ފަތިހު 05:00އާ ދެމެދުއެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި އެއަރޕޯޓް ބަސް ރޫޓުތަކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެއަރޕޯޓް ބަސް ރޫޓަށް ގެންނަ ބަދަލާއެކު މިމުއްދަތުގައި ފަސިންޖަރުން އަރުވާ ބާލައި ހަދާނީ ސައިކަލް ޕާކިން ސަރަހައްދަށް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިންވަނީ އެދިވަޑައިގެންފައެވެ.