މިއަހަރުގެ މޭ މަހު ރާއްޖެއަށް 5.5 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ވަނީ 322 މިލިޔަން ރުފިޔާ ލިބިފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މޭ މަހު ރާއްޖެއަށް 5.5 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ މިދިޔަ މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ. އެއީ 1.1 ބިލިޔަން ރުފިޔާގެ މުދަލެވެ. ޗައިނާއިން 796 މިލިޔަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 750 މިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.
މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން މިބާވަތުގެ 1.4 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އަދި ކެއުމުގެ ބާވަތްތަކަށް ބަލާއިރު 948 މިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އަދި 916 މިލިޔަން ރުފިޔާގެ މެޝިނަރީއާއި އެނޫންވެސް ބާވަތްތައް ވަނީ އިމްޕޯޓްކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު މެއި މަހުގެ ތެރޭގައި 98 މިލިޔަން ރުފިޔާގެ މުދާ ވަނީ ރާއްޖެއިން އެކްސްޕޯޓްކޮށްފައެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 36 މިލިޔަން ރުފިޔާގެ މުދަލެވެ. 2ވަނަ އަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 35 މިލިޔަން ރުފިޔާގެ މުދަލެވެ. އަދި ފްރާންސްއަށް 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.