އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނެސް، ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އިބުތިދާއީ އެއްބަސްވުމަކަށް އާދެވިފައިވާކަން އިޢުލާނުކުރުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓެން ފަށައިފިއެވެ. ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވާފައިވާއިރު، އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ވެސް ވަނީ އެ ކަން ކަށަވަރު ކޮށްދެއްވާފައެވެ. މިއާއެކު، މާރިޗު މަހުގެ ފަހުން އެންމެ ދަށް އަގަކަށް ތެލުގެ އަގުތައް ވަނީ ވެއްޓިފައެވެ.
މި ގޮތުން، ބްރެންޓް ކްރޫޑް ފިއުޗަރސްގެ އަގު 4.08 އެމެރިކާ ޑޮލަރު ނުވަތަ %4.7 ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 83.25 އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އަދި، ވެސްޓް ޓެކްސަސް އިންޓަރމީޑިއެޓްގެ (ޑަބްލިޔުޓީއައި) އަގު 4.35 ޑޮލަރު ނުވަތަ %5.1 ދަށަށް ގޮސް، މިހާރު ހުރީ ފީފާއެއް 80.53 ޑޮލަރުގައެވެ. ބްރެންޓް ކްރޫޑާއި ޑަބްލިޔުޓީއައިއަކީ ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މައިގަނޑު ދެ މިންގަނޑެވެ.
ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްޙަވުމަށް ވޮޝިންގޓަނުން އެއްބަސްވުމަކީ ތެހްރާނުން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ދެ ފަރާތުގެ ދެމެދުގައި ސުލްޙަ ޤާއިމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ޖޫން 19 ވާ ހުކުރު ދުވަހު ސްވިޓްޒަލެންޑުގައި އިބުތިދާއީ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް ފަހު، އެއްބަސްވުމުގެ ދަށުން އެއްވެސް ފީއަކާ ނުލައި ދަތުރުކުރުމުގެ ފުރުޞަތު ހުރިހާ އުޅަނދަކަށް ލިބިގެންދާނެ ކަމުގައެވެ. އަދި، އީރާންގެ ބަނދަރުތަކުގައި އަޅުވާފައި އޮތް ޙިޞާރު އެމެރިކާއިން އުވައިލާނެ ކަމުގައެވެ. ތެހްރާނުން ބުނީ، އެއްބަސްވުމުގައި ސޮއިކުރެވޭތާ 30 ދުވަހުގެ ތެރޭގައި އެ ކަނޑުއޮޅި މުޅިން ހުޅުވައިލެވޭނެ ކަމުގައެވެ.
ތެލުގެ ބާޒާރު ދިރާސާކުރާ ކުންފުނި، ކޭސީއެމް ޓްރޭޑްގެ މާހިރެއް ކަމުގައިވާ ޓިމް ވޯޓަރަރ ވިދާޅުވީ، ހަނގުރާމައިގެ ކުރީގައި ހުރި މިންވަރަށް ތެލުގެ ސަޕްލައި އިޢާދަކުރެވިގެންދާނެ ކަމުގެ އުންމީދު ވިޔަފާރިވެރިންނަށް ލިބިފައިވާ ކަމަށާއި، އެއާއެކު ސިޔާސީ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން އަގުތަކުން ބޮޑުވި ބައި، އުނިކުރަން ފަށާފައިވާ ކަމުގައެވެ. ނަމަވެސް، ތިން މަސް ދުވަހަށް ދެމިގެންދިޔަ ހަނގުރާމައަށް ފަހު، ތެޔޮ އުފެއްދޭ އަދި އެކްސްޕޯޓު ކުރެވޭ މިންވަރު އަލުން އިޢާދަކުރެވޭނެ ހަލުވިމިނާމެދު ވުނޭރުންނާއި މާހިރުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޣަރީބްއާބާދީ ވިދާޅުވީ، އިބްތިދާއީ އެއްބަސްވުމަށް ފަހު، މިހާރަށްވުރެ ފުޅާ އަދި ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލުމަށް ތެހްރާނާއި ވޮޝިންގޓަނަށް 60 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމުގައެވެ. އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ވޮޝިންގޓަނުން ނިންމާފައިވާއިރު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ހިމެނޭ އީ3 ގެ ޤައުމުތަކުން ވެސް ވަނީ ތެހްރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ. މަސްރަޙު ދިރާސާކުރާ ކުންފުނި، ފިލިޕް ނޯވާގެ މާހިރެއް ކަމުގައިވާ ޕްރިޔަންކާ ސަޗްދޭވާ ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް އައިސް، ތެލުގެ ސަޕްލައި އާދައިގެ ޙާލަތަށް ރުޖޫޢަކުރެވުނު ނަމަވެސް، މިހާތަނަށް ލިބިފައިވާ މާއްދީ އަދި އިޤުތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައެވެ.