ޚަބަރު

އޮސްޓްރޭލިއާއިން މަނަވަރެއް ރާއްޖެއަށް ހަދިޔާކޮށްފި


  • މިމަނަވަރަކީ އޮސްޓްރޭލިއާ ބަނދެފައިވާ މުޅިން އައު އުޅަނދެއް

  • މިއީ ރާއްޖޭގެ ސިޔާދަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މުހިއްމު މަސައްކަތެއް

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭއެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ނޭވީ މަނަވަރެއް ހަދިޔާކުރައްވައިފިއެވެ. މިމަނަވަރަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހަދިޔާކުރައްވާފައިވާ މަނަވަރެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. މަނަވަރު ރަސްމީކޮށް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެތެރޭގައެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. ދިވެހި އަސްކަރިއްޔާއިން ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު ނޭވީ މަނަވަރު ރާއްޖެއަށް އައިސްފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަނަވަރު ރާއްޖެއަށް އައުމުން، މަނަވަރާއި ކްރޫއަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ޑޭވިޑް ޖެސަޕްއެވެ.

މަނަވަރަށް މަރުޙަބާ ދެންނެވުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާއެކު ޙަރަކާތެއްވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ހުޅުމާލެ ބަނދަރަށް ވަނުމުންވަނީ މަނަވަރަށް ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. މި އުޅަނދު ހުޅުމާލޭގައި ކޯސްޓްގާޑް ޝިޕްތައް އޮންނަ ސަރަހައްދުގައި ބަނދަރުކުރުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ޑޭވިޑް ޖެސަޕްވަނީ އުޅަނދު ބައްލަވާލައްވާފައެވެ.

އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކާއެކު ރާއްޖެއަށް ހޯއްދަވާދެއްވި އުޅަނދެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމިޝަންކޮށް ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.