ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ހުޅުވާލެވިއްޖެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިއީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުރިހަމަކަމާއެކު ފުދިގެން ދިޔަ މުނާސަބަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ކްރިއޭޓަރުންނާއި އިނޮވޭޓަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހުނަރުތައް ބައިނަލްއަގުވާމީ މާކެޓާ ހިއްސާކޮށް އޭގެން މަންފާލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުންކަމަށެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށްވާތީ އެފަދަ ފުރުސަތުތައް ފަހިކޮށްދެވެން ނެތް ކަމަށް ޒަމާންތަކެއްވަންދެން ބުނަމުންއައި ނަމަވެސް އެމަނިކުފާނު އެކަން ގަބޫލުކުރައްވަން ބޭނުންފުޅުނުވި ކަމަށާއި ރާއްޖެއަށް ޕޭޕަލްފަދަ ޚިދުމަތްތައް ގެނައުމުގެ މަސައްކަތް ފެއްޓެވީ އެ މަޤުސަދުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕޭޕަލްއަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓެއްގެ ހިއްސާއެއް ކަމަށެވެ. މިފަދަ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދަނީ 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ކަމަށާއި ޤައުމުގެ އިގްތިސާދު ސިންދަފާތުނުކޮށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
2030ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ އަދަދު މަދުވެގެން %15 އަށް އިތުރުކުރުމަކީ ތަސައްވުރެއް ކަމަށާއި ގޫގަލް އާއެކު ދިވަރު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ އެ ތަސައްވުރާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ އޮތީ އެންމެ އެޑްވާންސް ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ޕޭޕަލްގެ ޚިދުމަތް ތަޢާރަފުވެ ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށް ލިބިގެންދިޔަ ލުއިތަކާއެކު އޭގެ ފައިދާ ނެގުމަށް ރާއްޖޭގެ އުފެއްދުންތެރިންނަށް ގޮވާލައްވާފައެވެ. އެގޮތުން، ޒަމާނުއްސުރެ ކާބަފައިން ރާއްޖެއާ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވައިދިނީ ކަނޑުމަގުން ކަމަށާއި އެމަނިކުފާނު މިއަދު ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވާލަދިނީ ޑިޖިޓަލް އިގްތިސާދުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ޑިޖިޓަލް ވަސީލަތްތަކާއެއްވަރަށް ފިސިކަލް ސްޕޭސްތައްވެސް ތަރައްގީކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ކްރިއޭޓަރ ހަބްގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށާއި މިއަހަރުގެ ނޮވެނެބަރު 11ގައި އެތަން ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި ކްރިއޭޓަރ ހަބް ތަރައްގީ ކުރަނީ އެންމެފަހުގެ ވަސީލަތްތައް ހިމެނޭ ސްޓޫޑިއޯތަކާއި ކޯ ވޯކިން ސްޕޭސްތަކާއެކުގައެވެ.
މީގެ އިތުރުން ސަރަހައްދީ ފެސިލިޓީތައްވެސް ތަރައްގީ ކުރަމުން އަންނަ ކަމަށާއި ކޮންމެ ރައްޔިތަކުވެސް މިކަމުގެ ފައިދާ ނަގައި ތަފާތު އުފެއްދުންތައް ދުނިޔެއާ ހިއްސާކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.