ފީފާ ވޯލްޑް ކަޕް 2026 ގައި ކުރަސާއޯ ކޮޅަށް ޖެހި ހަތް ލަނޑާއެކު، ޖަރުމަނުން ތާރީޚު އިޔާދަކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް އީގައި ހިމެނޭ މި ދެ ޓީމުން އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމުގައި ބައްދަލުކުރި މި މެޗުން ޖަރުމަނު މޮޅުވީ 1-7 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުން މުޅި މެޗުހެން ޑޮމިނޭޓުކުރި މި މެޗު ފަށައިގެން ހަ މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ލަނޑެއްޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފީލިކްސް މެޗާއެވެ.
ޖަރުމަނުން ލަނޑެއްޖަހައި ލީޑުނެގިތާ 15 މިނެޓުފަހުން، މުޅިން އަލަށް ވޯލްޑް ކަޕަށް ކޮލިފައިވި ކުރަސާއޯއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ތާރީޚީ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވާނޯ ކޮމެނެންޝިއާއެވެ.
ކުރަސާއޯ އިން ނަތީޖާ ހަމަހަމަކުރުމާއެކު ޖަރުމަނުން ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހިގެން ކުރި މަސައްކަތުން މި ހާފުގައި އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައިއެވެ. އެގޮތުން އެ ޓީމަށް އަލުން ލީޑުނަގައިދިން ލަނޑު، މެޗުގެ 38 ވަނަ މިނެޓުގައި ނިކޯ ޝްލޮޓަބެކް ކާމިޔާބުކޮށްދިންއިރު، މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކައި ހަވާޓްޒް ވަނީ ޖަރުމަނުގެ ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ޖަހައިދީފައި ވަނީ ލިބުނު ޕެނަލްޓީއަކުން، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައެވެ.
ދެވަނަ ހާފު ފަށައިގެން ވެސް މެޗު ޑޮމިނޭޓުކުރަމުން ދިޔަ ޖަރުމަނުން ވަނީ މި ހާފު ފަށައިގެން ވެސް ދެ މިނެޓުގެ ތެރޭގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ.
ޖަރުމަނުގެ ފަސްވަނަ ލަނޑު، މެޗުގެ 68 ވަނަ މިނެޓުގައި ނެތޭނިއަލް ބްރައުން ކާމިޔާބުކޮށްދިންއިރު އޭގެ 10 މިނެޓުފަހުން ޑެނިޒް އުންޑާވް ވަނީ ޖަރުމަނުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖެހި ކައި ހަވާޓްޒް އެވެ.
މި މެޗުން ހޯދި ބޮޑު މޮޅާއެކު ޖަރުމަނު އޮތީ ގްރޫޕް އީގެ އެއްވަނައިގައި، ތިން ޕޮއިންޓާއި، ފައިދާ ހަ ގޯލާއެކުއެވެ. ދެވަނައިގައި އޮތީ އެކުއެޑޯގެ މައްޗަށް ހަނި މޮޅެއް ހޯދި އައިވަރީ ކޯސްޓެވެ. ތިންވަނައިގައި އެކުއެޑޯ އޮތްއިރު ފުލުގައި އޮތީ ކުރަސާއޯ އެވެ.
މުބާރާތުގައި ޖަރުމަނަށް ދެން މެޗެއް އޮތީ މި މެޗުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަރުމަނު ނުކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ކުރަސާއޯއިން އެކުއެޑޯއާ ދެކޮޅަށް ކުޅޭނެއެވެ.