ޚަބަރު

ޞާދިޤު މެންބަރުކަމުގެ ހުވައިކުރައްވައިފި


  • އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުންގެ އަދަދު 13އަށް ވަނީ އިތުރުވެފައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިގު މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞާދިގުގެ މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ޞާދިގު ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާއަށް 2024ވަނަ އިންތިޚާބުވި އަޙްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވާކަމަށް ކުރި ހުކުމާ ގުޅިގެންނެވެ. އެ ދާއިރާގެ ބައި-އިލެކްޝަން މި މަހުގެ 6ވަނަ ދުވަހު ބާއްވާފައިވާއިރު އެ ބައި-އިލެކްޝަން ޞާދިގު ކާމިޔާބު ކުރެއްވީ 1،375 ވޯޓާއެކުގައެވެ.

މަޖިލީހުގައި ޞާދިޤު ތަމްސީލުކުރައްވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއެވެ. މިއާއެކު މަޖިލީހުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 13އަށް އިތުރުވެފައެވެ. 2024ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ ސިޓީގެ މޭޔަރުގެ މަޤާމު 3 ދައުރު އަދާކުރައްވާފައެވެ. މިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ. މީގެ ތެރެއިން 74 މެންބަރުން ތަމްސީލުކުރައްވަނީ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއެވެ. އަދި އެމްޑީޕީގެ 13 މެންބަރުން ތިއްބަވާއިރު އެމްޑީއޭގެ 2 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އެއްވެސް ޕާޓީއެއް ތަމްސީލުނުކުރައްވާ 2 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.