ޢިލްމާއި ހުނަރުން ޒުވާނުން ބާރުވެރިކުރުވުމަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޮތް މަގުކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެލޭޝިޔާގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ޒުވާނުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މެލޭޝިއާއަށް ވަޑައިގެންނެވީ 3ވަނަ އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސް 2026 ގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ސަމިޓްގެ ތެރެއިން ކުރިއަށްދިޔަ ބައިނަލްއަޤުވާމީ ޒުވާނުންގެ ކޮންފަރެންސްގައި ވަޒީރު ޝަހީމް ވަނީ ތަގުރީރުކުރައްވާފައެވެ. މި ކޮންޕަރެންސްގައި ތަގުރީރުކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ޒުވާނުން ބިނާކުރުމަކީ މުސްތަޤުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ޢިލްމާއި، އަޚްލާޤާއި، ހުނަރުން ޒުވާނުން ބާރުވެރިކުރުވުމަކީ މި ޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލައި، ޑިޖިޓަލް އިންގިލާބާއި އާޓިފިޝަލް އިންޓެލިޖެންސްގެ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޮތް މަގުކަން ވިދާޅުވެއެވެ.
تشرفتُ بالمشاركة في المؤتمر الدولي للشباب في ماليزيا، حيث أكدتُ أن الاستثمار في الشباب هو استثمار في المستقبل، وأن تمكينهم بالعلم والقيم والمهارات هو السبيل لمواجهة تحديات العصر والاستفادة من الفرص التي تتيحها الثورة الرقمية والذكاء الاصطناعي.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 12, 2026
كما أعربتُ عن خالص الشكر والتقدير… pic.twitter.com/Ph5pQfcaUc
ކޮންފަރެންސް އިންތިޒާމުކުރެއްވި ފުރިހަމަކަމަށްޓަކައި ވަޒީރު ޝަހީމުވަނީ މެލޭޝިޔާ ސަރުކާރަށާއި، ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހީމަށާއި، މެލޭޝިޔާގެ ދީނީ ކަންކަމާ ބެހޭ ވުޒާރާއަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޒަޢާމަތުގައި، އިސްލާމްދީނާއި މުސްލިމުންގެ ޚިދުމަތުގައި ސައުދީ އަރަބިއްޔާއިން ކުރައްވާ މަސައްކަތްތަކަށާއި، މެދުމިންކަމާއި، އިންސާފާއި، އެކުގައި އުޅުމާއި، އަދި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކޮށް ވަޒީރު ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
3ވަނަ އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސްގައި 31 ގައުމަކުން 1500 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ސަމިޓްގައި 4 މައި ތީމްއަކަށް ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިޖުތިމާޢީ ބަދަހިކަމާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުން، ތަޢުލީމާއި ލީޑަޝިޕްގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުން، ޒުވާނުންނަށް ކުރިމަތިވާ ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދުން އަދި ޒުވާނުން ބިނާކުރުމުގައި ދީނީ އިލްމުވެރިންގެ ދައުރެވެ.