ޚަބަރު

8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މި ތަކެތި އަތުލައިގަތީ ވައިގެމަގުން އެތެރެކުރަނިކޮށް

  • މި ތަކެތީގެ އަގަކީ 6 މިލިޔަން ރުފިޔާ

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލްއެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރި ކަމަށް ކަަސްޓަމްސްއިން ވިދާޅުވިއެވެ.

މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިއީ، ފަހަކަށް އައިސް ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ބޮޑު ޝިޕްމަންޓެއް ކަމަށްވެސް ކަސްޓަމްސްްއިން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށް އަތުލައިގަތް ތަކެއްޗާއި އެތަކެތި އެތެރެކުރި މީހާ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ.