ޚަބަރު

އައްޑޫ ސިޓީ ކައުންސިލުގެ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިޔަން ރުފިޔާ!


  • 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރު ދަތުރަށް 515،101 ރުފިޔާ

  • 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރު ދަތުރަށް 685,509 ރުފިޔާ

2023 އަދި 2024 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކުރައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގައެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން ކައުންސިލް ތަމްސީލުކުރާ 8 މެމްބަރުންނާއި ކައުންސިލް އިދާރާގެ ދެ މުވައްޒަފުން ހިމެނޭހެންް 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކޮށްފައިވާ ތަޖުރިބާ ދަތުރަށް (515101) ފަސް ލައްކަ ފަނަރަ ހާސް އެއް ސަތޭކަ އެއް ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުން ރައްޔިތުންގެ ފައިސާ ޚަރަދުނުކޮށް، އެހެން ގޮތަކަށް އެހީ ހޯދައިގެން މި ދަތުރު ހަމަޖެއްސުމަށް ކައުންސިލުން މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި މިގޮތަށް ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއް ޚަރަދުކޮށްފައިވުމުން މާލިއްޔަތުގެ ސަރކިއުލަރގައި އިރުޝާދުދީފައިވާ ގޮތަށް ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ކައުންސިލްގެ އިދާރާއިން ޢަމަލުކޮށްފައި ނުވާކަން އޮޑިޓުން ފާހަގަކުރައްވައެވެ.

މި ދަތުރުގައި "ކްރިއޭޓިވް ތިންކިންގ އެންޑް ޕްރޮބްލެމް ސޯލްވިންގ ސްކިލްސް" ނަމަކަށް ކިޔާ ޓްރެއިނިންގއެއްގައި ބައިވެރިވެ، އެ ޓްރެއިނިންއަށް 65,381 (ފަސްދޮޅަސް ފަސް ހާސް ތިން ސަތޭކަ އަށްޑިހަ އެކެއް) ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ ދަތުރު ރިޕޯޓުގައި ހިމަނާފައިވާ ދަތުރުގެ މަގުސަދާއި ގުޅުންހުރި ޓްރެއިނިންގ އެއް ނޫންކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

ސިންގަޕޫރުގައި މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ސިންގަޕޫރުގެ މެރިޓައިމް ގެލެރ،ީ ސަސްޓެއިނަބަލް ސިންގަޕޫރު ގެލެރީ އަދި ސިންގަޕޫރު ރީޑިވެލޮޕްމަންޓް ގެލެރީއަށް ޒިޔާރަތްކުރުމުގެ އިތުރަށް ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީއާއި ބައްދަލުކުރުންކަމަށްވާއިރު މި ޒިޔާރަތްތަކަކީވެސް ދަތުރުގެ މަގުސަދާއި ސީދާ ގުޅުން އޮތް ޒިޔާރަތްތަކެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ދަތުރު ނިންމުމަށްފަހު ދަތުރުން ހާސިލުވިކަންކަން ބޭނުންކުރެވޭނެ ގޮތުގެ ތަފުސީލު ކައުންސިލްގެ އިދާރާއިން ލިޔުމުން ބަލަހައްޓާފައި ނުވާކަންވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކޮށްފައިވާ ދަތުރުގެ އިތުރުން އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަމްސީލުކުރާ 9 މެމްބަރުންނާއި ކައުންސިލް މެމްބަރެއްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ތަޖުރިބާ ހޯދުމުގެ ނަމުގައި ދަތުރެއް ކޮށްފައެވެ. މި (685,509) ދަތުރަށް ހަ ލައްކަ އަށްޑިހަ ފަސް ހާސް ފަސް ސަތޭކަ ނުވަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ޚަރަދުވެސް ހަމަޖައްސާފައިވަނީ ރައްޔިތުންގެ ފައިސާއިންނެވެ.

މި ދަތުރުގައި ބައިވެރިވި ކައުންސިލްގެ މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް މި ދަތުރުގައި ކުރިއަށްދިޔަ ޓްރެއިނިންގައި ބައިވެރިވެފައި ނުވިނަމަވެސް، މި ދެ މީހުންގެ ހުރުމާއި ކެއުމުގެ އިތުރަށް ޓިކެޓް ޚަރަދަށް ޖުމުލަ 116,286 (އެއް ލައްކަ ސޯޅަ ހާސް ދުއިސައްތަ އަށްޑިހަ ހައެއް) ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓުން ފާހަގަކުރައްވައެވެ.

މި ދަތުރުގެ ފުރަތަމަ 3 ދުވަހު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް ގެލެރ،ީ ސަސްޓެއިނަބަލް ސިންގަޕޫރު ގެލެރ،ީ މޮބިލިޓީ ގެލެރީގެ އިތުރުން ސެންތޯސާ އަދި އޯކިޑް ގާ ންއާޑަ އި ބޮޓަނިކަލް ގާޑަންއަށް ޒިޔާރަތްކޮށްފައިވާއިރު މި ޒިޔާރަތްތަކާއި ގުޅިގެން ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން ލިބުނު ތަޖުރިބާގެ ތަފުސީލެއް ރިޕޯޓުގައި ހިމަނާފައި ނުވެއެވެ. އަދި މި ދަތުރުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭނެ ކަންތައްތަކާއި އެ ކަންތައްތައް ތަންފީޒުކުރާނެ ގޮތެއްވެސް މި ރިޕޯޓުގައި ހިމަނާފައިނުވާކަން ވަނީ ހާމަވެފައެވެ.

ރައްޔިތުންގެ ފައިސާއިން މެލޭޝިޔާ އަދި ސިންގަޕޫރަށް އައްޑޫ ސިޓީ ކައުންސިލުން ދަތުރުތަކެއްކޮށްފައިވާއިރު، މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ކަމާބެހޭ މުޢައްސަސާތަކުން އަންގާފައިވާ އެންގުމާއި ޚިލާފަށް ކޮށްފައިވާ ދަތުރުތަކެއް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނެރުއްވާފައިވާ ސަރކިއުލަރއާ އެއްގޮތަށް ޢަމަލު ކުރެއްވުމަށްވެސް އައްޑޫ ސިޓީ ކައުންސިލަށް އޮޑިޓް ރިޕޯޓްގައި ވަނީ ލަފާ ދެއްވާފައެވެ. މީގެއިތުރުން ކައުންސިލްގެ އިދާރާއިން ކުރާ ދަތުރުތައް ފެށުމުގެ ކުރިން ދަތުރުކުރާ ބޭނުމާއި ދަތުރުން ހާސިލުކުރަން ބޭނުންވާ ކަންތައްތަކާއި އެކަންތައްތަކުގެ ބޭނުން އިދާރާގައި ކުރާނެ ގޮތުގެ ތަފުސީލު ބަލަހައްޓައި ދަތުރު ނިމުމުން ދަތުރުން ހާސިލުވިކަންކަން އޮފީސް މާޙައުލުގައި ނުވަތަ އިދާރާގައި ބޭނުންކުރެވެމުންދާ ގޮތް ލިޔުމުން ބެލެހެއްޓުމަށް އޮޑިޓް ރިޕޯޓްގައި ވަނީ ދަންނަވާފައެވެ.

ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ މާލީ ކަންކަމުގައިވެސް ޤާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ. އަދި އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްވެސް ވަނީ އަންގަވާފައެވެ.