މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައެޅުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ އަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާފައިވަނީ، ރ. ދުވާފަރުގައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލުތައް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ފުރުސަތު ފުރަތަމަ ހުޅުވާލީ، އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށެވެ. ނަމަވެސް މިހާރު މި ފުރުސަތު މިމަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އެވުޒާރާއިން ވިދާޅުވީ، މުއްދަތު އިތުރުކުރީ އަޟްހާ ޢީދު ދުވާހާއި ގުޅިގެން ބަންދު ދުވަސްތަކެއް އައުމުން ކަމަށާއި، މިފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ވަނީ، މިފަހަރުގެ މަސްވެރިންގެ ދުވަސް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކެއް ހާމަކުރައްވާފައެވެ.
- ޤައުމީ ފެންވަރުގައި ފާހަގަކުރާ އެހެން ދުވަހެއް މިއަހަރު ފާހަގަކުރާ ރަށަކަށް ނުވުން.
- މަސްވެރިންގެ ދުވަސް މީގެކުރިން ބާއްވާފައިވާ ރަށެއްގައި ދެވަނަ ފަހަރަށް މަސްވެރިންގެ ދުވަސް ބޭއްވުމަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރުވެފައިވުމާ މުނާސަބަތު ބޭއްވުމަށް އެ ރަށެއްގެ ރައްޔިތުން ޝައުޤުވެރިވާ މިންވަރު.
- އުމްރާނީގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލު އަދި މީގެއިތުރުން އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާއި ގުޅިގެން ރަށްރަށަށް ޒިޔާރަތް ކުރާ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތާއި، އެކަން ކުރުމުގެ ޤާބިލުކަން ހުރި ނެތް މިންވަރު.
- ރަށަށް ޒިޔާރަތް ކުރައްވާ މެހުމާނުން ތިއްބެވުމަށް ހަމަޖައްސާފައިވާ އިންތިޒާމުތައް.
- މި ދުވަސް ފާހަގަކުރުމަށް ރަށުގެ ފަރާތުން ކުރުމަށް ހުށަހަޅާ ކަންކަން.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި މަސްވެރި ރަށްރަށަށް އިސްކަން ދޭނެ ކަމަށެވެ. އަދި މަސްވެރި ރަށެއް ކަމުގައި ބެލުމުގައި އެރަށެއްގައި ރަަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ އަދަދާއި، މަސްވެރި އުޅަނދު ފަހަރުގެ އަދަދަށް ރިއާޔަތް ކުރާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ، ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އަންނަނީ، ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީ ގޮތުން ފާހަގަކުރި ރ. ދުވާފަރުގައިވެސް ވަނީ، ތަފާތު އެކިއެކި ހަރަކާތްތައް ބާއްވާފައެވެ.
ސަރުކާރުން ދަނީ، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތަކުގެ ދަށުން މަސްވެރި ހުރިހާ ސަރަހައްދަކުން ތެޔޮ ލިބޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.