ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް އުފުލުމާ އެކު، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ބަޖެޓަށް ތާށިކަން ކުރިމަތިވެއްޖެއެވެ.
އޭބީސީ ނޫހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، އެމެރިކާއިން ދިފާޢީ ވުޒާރާއިން ތެޔޮ ފީފާއެއް ގަންނަން ހޭދަކުރި 154.14 އެމެރިކާ ޑޮލަރު، މިދިޔަ އޭޕްރީލް މަހު ވަނީ 195.72 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.
މިއީ އެންމެ ހަ މަސް ދުވަހުގެ ތެރޭގައި 27 އިންސައްތައިގެ އުފުލުމެއްގެ ގޮތުގައި އެ ނޫހުން ފާހަގަކޮށްފައިވެއެވެ.
އެއާ އެކު، މި އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް އެއް ބިލިއަނެއްހާ އެމެރިކާ ޑޮލަރު އިތުރަށް ހޭދަކުރަންޖެހޭނެކަމަށް އެ ނޫހުން ލަފާކޮށްފައިވެއެވެ.
އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ތެޔޮ އަޅަން، އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ފީފާ ތެޔޮ ބޭނުންވާކަމަށް އެ ނޫހުން ބުންޏެވެ.
އަސްކަރީ އުޅަނދުތަކަށް ތެޔޮ އެޅުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ އިތުރުން، ހަނގުރާމައާ ގުޅިގެން އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކުން ވެސް އަގުތައް އުފުލިފައިވާތީ، އެމެރިކާ ސިފައިންނާއި ދިފާޢީ އޮފިޝަލުންގެ ދަތުރުތަކަށް ކުރަންޖެހޭ ޚަރަދު ވެސް ވަނީ އިތުރުވެފައެވެ.
އެކަމުގެ ސަބަބުން، ޚަރަދު ކުޑަކުރުމުގެ ގޮތުން، ސިފައިންނާއި ދިފާޢީ އޮފިޝަލުންގެ ބައެއް ދަތުރުތައް މިހާރުވެސް މަދުކޮށްފައިވާކަމަށް، އެމެރިކާގެ އަސްކަރިއްޔާގެ އެކި މަސްދަރުތަކާ ޙަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
މީގެއިތުރުން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާގެ ދިފާޢީ ވުޒާރާގެ މާލީ އަހަރު ނިމޭއިރު، ބަޖެޓުކުރި އަދަދަށް ވުރެ 4 ބިލިއަނާއި 6 ބިލިއަން އެމެރިކާ ޑޮލަރުގެ އަދަދު އިތުރުވާނެކަމަށް ބަލައި، އަސްކަރީ ގިނަ ތަމްރީނުތައް ވެސް މަޑުޖައްސައިލަން އަންގާފައިވާ ކަމަށް އެ މަސްދަރުތަކުން ބުންޏެވެ.