ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ސިފައިން ޣައްޒާ ސިޓީއަށް ދިން ވައިގެ ޙަމަލާއެއްގައި ފަލަސްޠީނުގެ ދެ މީހަކު ޝަހީދުވެއްޖެއެވެ.
އެމެރިކާ އިސްވެ އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބެލުމެއްނެތި، ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ތެރެއިން، އާދީއްތަ ދުވަހު ޣައްޒާ ސިޓީގެ ތާލް އަލް-ހަވާ ސަރަޙައްދުގައި ދަތުރުކުރި ކާރަކަށް އަމާޒުކޮށް ދިން ވައިގެ ޙަމަލާއެއްގައި މަދުވެގެން ދެ މީހުން ޝަހީދުވެ، 13 މީހަކު ވަނީ ޒަޚަމްވެފައެވެ.
ސިއްހީ އެހީތެރިން މަޢުލޫމާތު ދޭ ގޮތުގައި، ހަމަލާގެ ސަބަބުން ޝަހީދުވި މީހުންގެ ހަށިގަނޑުތައް ވަނީ ކާކުކަން ދެނެގަންނަން ދަތިވާ ވަރަށްވުރެ ބޮޑަށް ކުދިކުދިވެފައެވެ. މި ޙަމަލާއަކީ ޙަމާސްގެ މުޖާހިދުންނަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނި ނަމަވެސް، މީޑިއާތަކުން އާންމުކުރި މަންޒަރުތަކުން ފެންނަނީ ޢާންމުން ބޭނުންކުރާ އުޅަނދެއް ބޮމުގެ ސަބަބުން އެއްކޮށް އަނދައި ހުލިވެފައިވާ ތަނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލެވުނު ނަމަވެސް، ޔަހޫދީން ދަނީ އެއްވެސް ޖެހިލުމެއްނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް ދެމުންނެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި އެއްބަސްވުމަށް ފަހުވެސް ޔަހޫދީން ދިން ޙަމަލާތަކުގައި ޣައްޒާއިން 1,300 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ޙަމާސް ޖަމާޢަތުން ވަނީ ޔަހޫދީން ދަނީ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފުވަމުން ކަމަށާއި، ޣައްޒާގައި ތިބި ޔަހޫދީ ސިފައިން ފޭބުމަށް އެކުލަވާލި ޕްލޭނަށް ގަސްދުގައި އެމީހުން ހުރަސްއަޅަމުންދާ ކަމަށް ބުނެފައެވެ.
މި ޙަމަލާތަކުގެ އިތުރުން، ޔަހޫދީން ޣައްޒާ ވަށައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ޙިޞާރުކޮށްފައި އޮތުމުގެ ސަބަބުން، އެ ސަރަޙައްދުގެ ހަސްފަތާލުތަކުގެ ޙާލަތު ވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ޑީސަލާއި އިންޖީނުތެލުގެ އިތުރުން ސްޕެއާ ޕާޓްސް ލިބުމަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން މުހިންމު ހޮސްޕިޓަލްތަކުގެ ޖެނެރޭޓަރުތައް ދަނީ ހުއްޓެމުންނެވެ. ހަސްފަތާލުތަކުގެ އެކިއެކި މަސައްކަތްތަކަށް މަހަކު ބޭނުންވާ 2,500 ލީޓަރުގެ ތެލުގެ ތެރެއިން ޔަހޫދީން އެތެރެކުރަން ހުއްދަދިނީ ވަރަށް ކުޑަ މިންވަރަކަށް ވާތީ، ކުއްލި ޙާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށްވެސް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާގެ ޙާލަތު މިފަދަ ނުރައްކާތެރި ދަރަޖައެއްގައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޔަރލޭންޑަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ، އެމެރިކާއިން ޣައްޒާގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ހުރިހާ އަސީރުން މިނިވަންކޮށްދީފައިވާ ކަމަށެވެ. އަދި މިހާރު ޣައްޒާގައި ނުރައްކާތެރި ޙާލަތެއް ނެތް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ޔަހޫދީންގެ ޢުދުވާންތައް ފޮރުވައި، ޙަޤީޤަތް އޮޅުވާލައްވަން މަސައްކަތް ކުރައްވާފައެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް ފަލަސްޠީނުގެ 73,669 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.