ޚަބަރު

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން ނަގާ ޑިއުޓީ ކަނޑާލައިފި


  • އެ ޤައުމުން ވަނީ، 2028ވަނަ އަހަރުގެ ނިޔަލަށް ޑިއުޓީ މެދުކަނޑާލާފައި

  • ރާއްޖެއިން އަހަރަކު 16.7އާއި 18 މިލިޔަން ޕައުންޑާ ދެމެދުގެ މަސް އެކްސްޕޯޓްކުރޭ

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލައިފިއެވެ. އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން ދިޔައީ، %20 އިމްޕޯޓް ޑިއުޓީއެކެވެ. މިހާރު އެ ޤައުމުން ވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް މި ޑިއުޓީ މެދުކަނޑާލާފައެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރުމަށް ދައްކަމުން އައި %20ގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑިގެންދާނެއެވެ. މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ޤައުމުގެ ތެރެއިން ހަތް ޤައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކާއި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެއެވެ.

ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި، 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް ބޭރު ކުރެއެވެ. ދިވެހިރާއްޖެއަކީ، އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ޤައުމުތަކުގެ ތެރެއިން 9ވަނަ ޤައުމެވެ. އިނގިރޭސިވިލާތުން ނިންމި މި ނިންމުން ދާއިމީ ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ދިވެހިރާއްޖޭގެ ފަރާތުން ކުރިއަށް ގެންދާނެއެވެ.

މިކަމާއި ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށާއި، ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. އިނގިރޭސިވިލާތުން ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް ނިންމުމާ ގުޅިގެން، އެ ޤައުމުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވުމުގެ އިތުރުން، ދިވެހި މަހަށް އިނގިރޭސިވިލާތުގެ ބާޒާރުން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ، ރާއްޖެއިން ކުރާ ދެމެހެއްޓެނިވި މަސްވެރިކަމަށް ލިބުނު ކާމިޔާބީއެއްގެ އިތުރުން، ކަސްޓަމަރުންނަށް ހެޔޮއަގުގައި މަސް ލިބުމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ސިނާޢަތަކީ، މަސްވެރިކަމުގެ ސިނާޢަތެވެ. އަދި ދިވެހިރާއްޖެއިން ރޯ މެޓީރިއަލް ބޭރު ކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ވީހާވެސް ގިނައިން މަހާއި، މަހުގެ އަގުއެއްކުރި އުފެއްދުންތައް އުފައްދައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވަކީން ޙާއްސަ އިސްކަމެއް ދެއްވައެވެ. މިގޮތުން، އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައިވެސް އިނގިރޭސިވިލާތު ރަސްގެފާނު ޗާރލްސްއާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ވެސް އެދިލެއްވި އެންމެ މުހިއްމު އެއްކަމަކީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑާލުމެވެ.

މިނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެހެނިހެން ވިޔަފާރިތަކާއި އެއްހަމައެއްގައި ވާދަ ކުރުމުގެ ފުރުޞަތު ފަހިވެ، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، އަދި މަސްވެރިންނަށް ވިއްކާ އަގު އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ. ދުނިޔޭގެ ޕްރިމިއަމް ބާޒާރުތަކުގެ މިސްރާބު މިހާރު ބޮޑަށް ހުރީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަހުން އުފައްދާ މަހާއި މަހުގެ އަގުއެއްކުރި ބާވަތްތަކަށެވެ. މިގޮތުން، އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން ނަގާ ޓެރިފް ކަނޑާލުމާ ގުޅިގެން، ދިވެހި ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އެ ބާޒާރުގައި ވާދަކުރުމުގެ ފުރިހަމަ އަދި ހަމަހަމަ ފުރުސަތެއް މިހާރު ފަހިވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.