ޚަބަރު

ޝެފުންގެ ޖަމްޢިއްޔާއިން ވޯލްޑް ޝެފްސް ކޮންގްރެސްގައި ބައިވެރިވެއްޖެ


  • މިކޮންގްރެސް އޮންނަނީ ކޮންމެ 2 އަހަރުން އެއްއަހަރު

  • ކަލިނަރީ ދާއިރާގެ ތަޖުރިބާކާރުން އެއްތާކުން ބައްދަލުވެ ޚިޔާލު ބަދަލުކުރާނެ

މިމަހުގެ 16 އިން 19 އަށް އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ދިވެހި ޝެފުންގެ ޖަމްޢިއްޔާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ. މި ކޮންގްރެސްއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެފުން ބައިވެރިވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ކޮންމެ 2 އަހަރަކުން އެއްއަހަރު ބާއްވާ ދުނިޔޭގެ އެކި ޤައުމުތަކުގައި ފާހަގަކޮށްލެވޭ ޝެފުން އެއްތަނަކަށް އައިސް މަޢުލޫމާތާއި، ހުނަރު އަދި ޚިޔާލު ބަދަލުކޮށް މިދާއިރާގެ މަސައްކަތްތެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ކޮންގްރެސްއެކެވެ.

މިއަހަރުގެ ކޮންގްރެސްގައި މިޝެލިން ސްޓަރ ޝެފުންގެ ކީނޯޓް އެޑްރެސްތަކާއިއެކު ހުނަރު ދަސްކޮށްދޭ ވޯކްޝޮޕްތަކާއި، ކޯ ލަރނިންގ ސެޝަންތަކާއި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ކަލިނަރީ ދާއިރާއިން އަންނަ ބަދަލުތަކާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ދާއިރާގެ ދެމެހެއްޓެނިވިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ގެސްޓްރޮނޮމީގެ އާ ޓްރެންޑުތަކުގެ ވާހަކަތައް ހިމެނެއެވެ. މިއެކްސްޕޯގެ ތެރެއިން "ދަ ގްލޯބަލް ޝެފް ޗެލެންޖް" ކެއްކުމުގެ މުބާރާތުގެ ފައިނަލްސްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއެކްސްޕޯއަކީ، ދިވެހި ޝެފުންގެ ޖަމްޢިއްޔާއިން ވަރަށް ޚާއްސަ އިސްކަމެއްދީގެން ސިލްސިލާކޮށް ބައިވެރިވަމުން އަންނަ އެކްސްޕޯއެއް ކަމަށް އެޖަމްޢިއްޔާއިން ވިދާޅުވެއެވެ. ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަކީ، ރާއްޖޭގެ ކަލިނަރީ ދާއިރާގެ ކުރިއެރުވުމަށް ލިބިގެންދާ މުހިއްމު ފުރުސަތެއް ކަމަށް އެޖަމްޢިއްޔާއިން ވިދާޅުވެއެވެ.

ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ ދެން އޮންނާނީ، 2028 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ. އެ ކޮންގްރެސްއަކީ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީއަށް 100 އަހަރު ފުރޭ ޚާއްސަ މުނާސަބާއެވެ.