ޚަބަރު

ބޮޑުތަކުރުފާނުމަގު މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި


  • ޖޫން މަހު ތާރު އެޅުމަށް އަންނަނީ ތައްޔާރުވަމުން

  • މުޅި މަޝްރޫޢު ޖުލައިއަށް ނިންމުމަށް އަންނަނީ މަސައްކަތްކުރަމުން

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖަމްޝީދުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ފޭސް 1ގައި ހިމެނޭ 3 ސެގެމެންޓެއްގެ މަސައްކަތެވެ. މި މަސައްކަތަކީ، ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނަށް ހިއްސާކުރައްވާފައެވެ.

މަގު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ސަރަހައްދުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށް ގެންދިޔަ ފަރުމާއަށެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1، 2 އަދި 3ގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ، ހުރިހާ ސެގްމަންޓެއް އެކީގައެވެ. އެމްޓީސީސީން ވިދާޅުވީ، ޖޫންމަހު ތާރު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ.

އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.

އެމްޓީސީސީން މަސައްކަތް ކުރައްވަނީ، ޖުލައި މަސްތެރޭ މަގުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށެވެ.