ޔަހޫދީން އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ނަމާދުކުރަންދާ މީހުންނަށް ހުރަސްއެޅުމާއެކު ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުގައި ޚިލާފު، އަދި އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އެ މިސްކިތާ ގުޅިފައިވާ ތާރީޚީ އަދި ދީނީ މުހިންމުކަން ނައްތާލުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލުތަކެއްކަމަށެވެ.
އިންސާނީ ޙައްޤުތަކާ ޚިލާފަށް އިސްރާއީލުން މެދުނުކެނޑި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ "ސްޓޭޓަސް ކޯ" ނުވަތަ އޮންނަންޖެހޭ އަސްލު ހާލަތު އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ކުރާ ތާއީދާއި ދޭ އެހީތެރިކަން ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާރިން ވަނީ ދީފައެވެ. އަދި އިސްލާމީ މުޤައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އުޞޫލީ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ބާރުއަޅާކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.