ސައުތު އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަން (އެސްއޭޑަބްލިއުއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ވެއިޓްލިފްޓިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދް އިންތިޚާބުކޮށްފިއެވެ.
ސައުތް އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަނަކީ ސަރަހައްދީ ފެންވަރުގައި ވެއިޓްލިފްޓިން ކުރިއެރެވުމުގެ މަގްސަދުގައި މުޅިން އަލަށް އުފައްދާފައިވާ ފެޑެރޭޝަނެކެވެ. މި ފެޑެރޭޝަން އުފެއްދިކަން އިއުލާންކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އިންޑިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ވެއިޓްލިފްޓިން ޗެންޕިއަންޝިޕްގެ ހަވާސާގެ ތެރެއިން ކުރިއަށްގެންދިޔަ ސައުތް އޭޝިއާ ވެއިޓްލިފްޓިން ފެޑެރޭޝަނުގެ ފުރަތަމަ ކޮންގްރެސްގައެވެ.
މި ބައްދަލުވުމުގައި މި ސަރަހައްދުގެ ހުރިހާ ޤައުމަކުން މަންދޫބުން ބައިވެރިވެފަވާކަމަށް އެސްއޭޑަބްލިއުއެފްއިން މައުލޫމާތުދީފައިވެއެވެ.
އަލަށް އުފެއްދި މި ފެޑެރޭޝަނުގެ އަމާޒަކީ ސަރަހައްދީ އެންމެހާ ޤައުމުތަކަށް މި ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ސަރަހައްދީ ފެންވަރެއްގައި ވެއިޓްލިފްޓިން ތަރައްގީކުރުމެވެ. އެގޮތުން ވެއިޓްލިފްޓިން މުބާރާތްތަކުގެ ޝެޑިއުލްގެ ކަންކަމާއި އެތުލީޓުން ކުރިއެރުވުމާ ގުޅުންހުރި އެންމެހާ ކަންކަމުގެ އިތުރުން މިސަރަހައްދުގެ ޤައުމުތަކުގެ އަޑު ބައިނަލްއަގްވާމީ ވެއިޓްލިފްޓިންގެ މައި އިދާރާއާއި ހަމައަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު މި ފެޑެރޭޝަނުން އަދާކުރާނެއެވެ.
ސައުތް އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަންގެ އެގްޒެކެޓިވް ބޯޑަށް މެންބަރުން އައްޔަންކޮށްފައިވަނީ މި ސަރަހައްދުގެ ވެއިޓްލިފްޓިން ކޮމިއުނިޓީތަކުގެ ތެރެއިންނެވެ. އެގޮތުން މި ފެޑެރޭޝަންގެ ރައީސަކަށް އިންތިޚާބުކޮށްފައިވަނީ އިންޑިއަން ވެއިޓްލިފްޓިން ފެޑެރޭޝަން (އައިޑަބްލިއުއެލްއެފް)ގެ ރައީސްކަންކުރައްވަމުން ގެންދަވާ ޑރ. ސަހްދޭވް ޔާދަވްއެވެ. އަދި ނައިބުގެ މަގާމަށް ދެ ބޭފުޅުން އިންތިޚާބުކޮށްފަވާއިރު ހަމީދްގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާގެ ސަންކާ ރަތަނަޔަކާއެވެ.