ޚަބަރު

ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕް މިއަދު ފަށަނީ


  • މިމުބާރާތް ކުރިއަށްދާނީ 13 އިން 21 އަށް

  • 13 އިން 16 އަށް ކުޅުން ކުރިއަށްދާނީ މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ކޯޓުގައި

  • 17 އިން 21 އަށް ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ކުޅުން މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ކުޅުން މިއަދު ފަށާނީ ގްރޫޕް އޭ ގެ ދެ މެޗުންނެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗު ހަވީރަށް ތާވަލުކޮށްފަވާއިރު އެމެޗުގައި ވާދަކުރާނީ އާޖީލަކަށް އަދި އެސްސީ ސްކައިލާކްއެވެ. ދެވަނަ މެޗުގައި އެމްވީ ނެޓާސް ނުކުންނާނީ ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އެވެ. ތިންވަނަ މެޗަކީ ގްރޫޕް ބީ ގެ މެޗެކެވެ. މިމެޗުގައި ވާދަކުރާނީ އިންވިކްޓޯ އެސްސީ އަދި ފިއޯންތީ އެސްސީއެވެ.

މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ކުޅުން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، މިއަދުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް ކުޅުން ކުރިއަށްދާނީ މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ކޯޓުގައެވެ. އަދި 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

މިމުބާރާތުގެ ގްރޫޕް އޭ ގައި ވާދަކުރަނީ އާޖީލަކަށް، އެސްސީ ސްކައިލާކް، އެމްވީ ނެޓާސް އަދި ކޭވައިއާރްސީއެވެ. ގްރޫޕް ބީ ގައި އިންވިކްޓޯ އެސްސީ، ފިއޯންތީ އެސްސީ، ބްލެކް ޕެންތާސް އެސްސީ އަދި ކްލަބް މެޓްރިކްސްއެވެ. އަދި ގްރޫޕް ސީ ގައި ޒެނިތް އެސްސީ، ޔޫތް ޔުނައިޓެޑް އެސްސީ، އެން ސްޕޯޓްސް އެކެޑެމީ އަދި ޔުނައިޓެޑް ޔުނިޓީ އެސްސީ ވާދަކުރާއިރު ގްރޫޕް ޑީ ގައި ހިމެނެނީ ކްލަބް އެން ސްޕޯޓްސް، އެސްސީ ޝައިނިން ސްޓާރ އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

މިމުބާރާތުގައި ކޮންމެ ދުވަހަކު ތިން މެޗު ނުވަތަ ހަތަރު މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗު ހަވީރު 05:15 ގައި ކުޅޭއިރު ދެވަނަ މެޗުގެ ކުޅުން ކުރިއަށްދާނީ ރޭގަނޑު 08:30 ގައެވެ. އަދި ތިންވަނަ މެޗު 09:45 ގައި ކުޅޭއިރު ހަތަރު ވަނަ މެޗުގެ ކުޅުން ކުރިއަށްދާނީ 10:00 ގައެވެ.

25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 18 އާއި ހަމައަށެވެ. އަދި 19 ވަނަ ދުވަހަށް ކުއާޓާގެ މެޗުތައް ތާވުކޮށްފަވާއިރު ފައިނަލުގެ ޖާގަ ކަށަވަރުވާނީ 20 ވަނަ ދުވަހު ކުޅޭ ސެމީ މެޗުތަކަށްފަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.