ޚަބަރު

"ޓެކްނޮލޮޖީއާއެކު މިއަދު މީޑިއާތަކުގެ ޒިންމާ ބޮޑު"


  • ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޕީއެސްއެމް ދެމި އޮންނާނެ

  • ޓެކްނޮލޮޖީއަކީ އިންސާނުންގެ ކުރިއެރުމަށް އެހީވާ އެއްޗެއްކަން ޔަގީންކުރުމަކީ މީޑިއާތަކުގެ ޒިންމާއެއް

ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު މިއަދު މީޑިއާތަކުގެ ޒިންމާ ބޮޑުވެފައިވާ ކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވެއްޖެއެވެ.

ޝަކީބް މިހެން ވިދާޅުވީ 21ވަނަ އޭޝިއާ މީޑިއާ ސަމިޓް ފެށުމުގެ ގޮތުން ވިލާ ނޯޓިކާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ އޭޝިއާ މީޑިއާ ސަމިޓުގެ މިއަހަރުގެ ތީމު "ފްރޮމް ޓްރެޑިޝަން ޓު ޓެކް" އާ ރާއްޖެއަށް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. ރާއްޖެއަކީ ރަށްރަށް ވަކިން އޮތް ޤައުމަކަށްވާއިރު މުވާސަލާތީ ޓެކްނޮލޮޖީގެ ވަސީލަތްތައް އައުމުގެ ކުރިންވެސް ދިވެހިން އެއް ރަށް އަނެއް ރަށާއި މުވާސަލާތު ކުރަމުން އައިކަމަށާއި މިއަދު ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުން ރާއްޖޭގެ ހުރިހާ ރަށަކުންނާއި ދިވެހިންގެ ފަރާތުން ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.

ޓެކްނޮލޮޖީ ކުރިއަރައިގެންދާވަރަކަށް މީޑިއާތަކުގެ ޒިންމާވެސް ބޮޑުވެގެންދާކަން ފާހަގަކުރައްވައި ޝަކީބު ވިދާޅުވީ މިއަދު މީޑިއާގެ ޒިންމާއަކީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުން ނޫން ކަމަށެވެ. ރައްޔިތުންގެ މެދުގައި އިތުބާރު ދަމަހައްޓައި ސަގާފަތް ކުރިއަރުވައި ޑިމޮކްރަސީ ހަރުދަނާކުރުމާއި މުޖުތަމަޢުތައް ގުޅުވައި ކޮންމެ ރައްޔިތެއްގެވެސް އަޑު އިއްވައިދިނުމަކީ މިއަދު ކޮންމެ މީޑިއާއެއްގެވެސް ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

ޝަކީބު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދައުލަތުގެ މީޑިއާގެ ގޮތުގައި ޕީއެސްއެމުން ދެމިތިބޭނެ ކަމަށެވެ.

މީގެ އިތުރުން ޓެކްނޮލޮޖީއަކީ އިންސާނުންގެ ކުރިއެރުމަށް އެހީވާ އެއްޗެއްކަން ޔަގީންކުރުމަކީ ނޫސްވެރިންނާއި މީޑިއާތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި ޝަކީބު ވިދާޅުވީ މިއަހަރުގެ މީޑިއާ ސަމިޓަކީ އެމަސައްކަތްތައް ކުރުމަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ދެނެގަނެ މަޝްވަރާކުރުމަށް ލިބޭނެ ޕްލެޓްފޯމެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ ސީއީއޯ ފިލޮމީނާ ނާނަޕްރަގަސަމް ވަނީ މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ އިންތިޒާމުތައް ފުރިހަމަކާއެކު ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ޕީއެސްއެމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި 21ވަނަ ސަމިޓު މިއަހަރު ބާއްވާއިރު ސަމިޓުވެސް ކުރިއަރަމުން އަންނަކަން ފިލޮމީނާ ފާހަގަކުރެއްވިއެވެ.

ފިލޮމީނާ ވަނީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަކީ މީޑިއާތަކަށް މުހިންމު އެއްޗެއްކަން ފާހަގަކުރައްވައި އެ ވަސީލަތްތަކާއެކު ކުރިއަށްދިއުމަށް މަސައްކަތް ކުރުމަށް ހުރިހާ މީޑިއާތަކުގައި އެދިވަޑައިގެންފައެވެ.

މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓަކީ އޭއައިބީޑީ އާއި ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިލާ ނޯޓިކާގައެވެ. މި ސަމިޓުގައި އެކި ޤައުމުތަކުގެ މީޑިއާގެ ފަރާތްތައް ހިމެނޭހެން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.