ކުޅިވަރު

ބްރެޒިލްގެ އެސްޓީވީއޯ އަށް ވޯލްޑް ކަޕް ނުކުޅެވޭނެ


ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް އެސްޓީވީއޯ ވިލިއަން އަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް ބުނެފި އެވެ.

އޭނާގެ ފަލަ މަސްގަނޑަށް އަނިޔާވީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ 1-0 އިން ބަލިވި މެޗުގަ އެވެ. ސީޒަނުގައި ދެ ވަނަ ފަހަރަށް ފަލަމަސްގަނޑު ހަލާކުވެ އެންމެ 19 މިނިޓަށް ދަނޑުން ފޭބިއިރު އޭނާ ދިޔައީ ރޮމުންނެވެ.

އެސްޓީވީއޯގެ ފަރާތުން ބުނެފައިވަނީ އޭނާ މިހާރު ގެންދަނީ ފަރުވާ ހޯދަމުން ކަމަށާއި ނަމަވެސް ވޯލްޑް ކަޕުގައި ކުޅެވޭނެކަން ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ. ބްރެޒިލްގެ ސްކޮޑުގައި އޭނާ ނުހިމަނަން ނިންމީ އަނުޔާއިން ރަނގަޅުވެގެން ކުރިއަށް އޮތް ތން ހަފުތާ ތެރޭގައި ކުޅުމުގެ ތެރެ އަށް އާދެވޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

މިއަނިޔާގެ ސަބަބުން 19 އަހަރުގެ ކުޅުންތެރިޔާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް ކުރިން ވެސް ގިނަ ބަޔަކު ލަފާކުރި އެވެ. ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ މިހާތަނަށް ބުނަމުން އައީ ވޯލްޑް ކަޕަށް ގެންދާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށެވެ. އަދި އެސްޓީވީއޯ އަކީ މިހާތަނަށް އަންޗެލޯޓީގެ ޓީމުގައި ބަރާބަރަށް ކުޅެމުން އައި ކުޅުންތެރިއެކެވެ.

އެސްޓީވިއޯ ވަނީ މި ސީޒަނުގައި ޗެލްސީ އަށް 36 މެޗުން އަށް ގޯލު ޖަހައިދީ ހަތަރު ގޯލެއް ޖަހަން މެގު ފަހިކޮށްދީފަ އެވެ. ބްރެޒިލްގެ ޕަލްމެއިރާސް އަށް 29 މިލިއަން ޕައުންޑް ދީފައި ޗެލްސީން އޭނާ ގަތީ މި ސީޒަން ފެށުމުގެ ކުރިންނެވެ.