ޚަބަރު

"މުސާރަ ބޮޑުނުވި މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރަ ބޮޑުވާނެ"


  • ބައެއް މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ނުލިބޭކަން ފާހަގަވެފައިވާކަމަށް ވިދާޅުވި

ނޭޝަނަލް ޕޭކޮމިޝަނުން، ޕޭ ހަރމަނައިޒް ކުރިއިރު އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕޭހަރމަނައިޒް ކުރެވުނުއިރު، ހިއުމަން ރިސޯސަސް ދާއިރާއާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންނާއި، ކައުންސިލްތަކުގެ ބައެއް މަޤާމްތަކުގެ މުވައްޒަފުންނަށް މުސާރަ ބޮޑުވުމުގެ ބަދަލުގައި، އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމާއި ބައެއް ފަރާތްތަކުގެ މުސާރައަށް ކުރިއެރުން ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަން މި މެއި މަހުން ފެށިގެން ހައްލުވެ، ލިބޭ މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން ޕޭ ކޮމިޝަނުން ދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ ފަހުންވެސް ޕޭ ހަރމަނައިޒްކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަނަމަ ވަކިވަކިން ނަމަވެސް ކޮމިޝަނުން އެކަން ބައްލަވާ އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑު މިއަދު ހެނދުނު އެންމެ ފަހުން މީގެ މައުލޫމާތު ނަގައިގެން މިއައީ ޕޭ ކޮމިޝަންގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރު، އިރާދަކުރެއްވިއްޔާ ޖުމްލަކޮށް، އިންޑިވިޖުއަލް ކޭސަސް ނުހުންނާނެއެކޭ ނޫން. އެކަމަކު ޖުމްލަކޮށް މިކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ. އެ މައްސަލަތައް ހައްލުވެ އިރާދަކުރެއްވިއްޔާ މިމަހު މުސާރަ ދޭއިރުގައި، އަޅުގަނޑަށް މިއަދު ހެނދުނު ޔަގީންކަން ދެއްވި ޕޭ ކޮމިޝަނުން، އެ މައްސަލަތައް އޮންނާނީ ހައްލުވެފައި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"އާއި ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ނޫން ކަމަށާއި އެއީ، އެމީހުންނަކީ ކޮންބައެއް ކަމާއި އުޅޭތަންތަނުގެ މައުލޫމާތު ސާފުކޮށް އެމީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ބިދޭސީންގެ ކަންކަން ކޮށްފައި އޮތީ ޒިންމާދާރުކަން ކުޑަކޮށް، ބިދޭސީންގެ އިންސާނީ ކަރާމާތް ގެއްލޭގޮތަށް ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ދިރިއުޅޭ 98 އިންސައްތަ ބީދޭސީންނަކީ ކޮންބައެއްކަން އެނގި، ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނަގައި ނިންމާ، އެމީހުން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ސަރުކާރުން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ، ވަށައިޖެހޭ ގޮތެއްގެ މަތިން ކަމަށާއި، އެމަސައްކަތް ކާމިޔާބު ކަމާއިއެކު ހާސިލްކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.