ޚަބަރު

އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް ފަށައިފި


  • ޖުމްލަ 5 ޕްރީ ސަމިޓް ވޯކްޝޮޕެއް އެކުއެކީގައި ކުރިއަށްދޭ

  • ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު

އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް ފަށައިފިއެވެ. އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ބާއްވަނީ ރާއްޖޭގައެވެ. މިބައްދަލުވުންތައް އިންތިޒާމް ކުރަނީ ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމުންނެވެ.

މިމަހުގެ 11ން 14އަށް ވިލާ ނޯޓިކާ ރިސޯޓްގައި ބާއްވާ މިސަމިޓްގެ މިއަހަރުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" އެވެ. މިސަމިޓްގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް މިހާރުވަނީ ފަށާފައެވެ.

ޕްރީ ސަމިޓްގެ 5 ވޯކްޝޮޕެއް އެކުއެކީގައި ކުރިއަށްދާއިރު، މިބައްދަލުވުންތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި، ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ. މިވޯކްޝޮޕްތައް ކުރިއަށްދަނީ ވިލާ ނޮޓިކާގައާއި، ހުޅުލޭ އައިލެންޑް ހޮޓަލާއި، މެންހަޓަންގައެވެ.

އޭޝިއާ މީޑިއާ ސަމިޓް ރަސްމީގޮތުން އިފްތިތާޙުކުރާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. ރަސްމިއްޔާތަށްފަހު ސަމިޓްގެ ޕްލިނަރީ ސެޝަންތައް ފަށާނެއެވެ. މިސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްސަ ޙަރަކާތުންނެވެ.

އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ 300 އެއްހާ މީހުން މި ސަމިޓްގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި %80 މީހުންނަކީ ބޭރު ޤައުމުތަކުގެ މީހުންނެވެ.