ޚަބަރު

އޭދަފުށީގައި ތަރައްޤީކުރި "ވެށި ފަންނު" ހުޅުވައިފި


  • މިތަން ތަރައްޤީ ކޮށްފައިވަނީ، ހިތްފަސޭހަ މައިޒާނަކާއެކު

  • މިއީ ރަށު ކައުންސިލުން ކުރިޔަށްގެންދިޔަ މަޝްރޫޢެއް

  • މިސަރަހައްދުގައި ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ

ބ. އޭދަފުށީ ކައުންސިލުން އިސްނަގައިގެން އެމްޓީސީސީއާ ޙަވާލުކޮށްގެން ތަރައްޤީކުރި ”ވެށި ފަންނު“ގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ.

ވެށި ފަންނު ތަރައްޤީ ކޮށްފައިވަނީ، މޫދައް އެރޭ ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނަކާއެކުގައެވެ.

ވެށި ފަންނު ރަސްމީކޮށް ހުޅުވައިދެއްވީ، މިކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އޭދަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ފާތިހުއެވެ.

ބ.އޭދަފުށީ ކައުސިލްގެ ރައީސް އަޙްމަދު ފާތިހު ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މި މަޝްރޫޢަށް 5 މިލިއަނެއްހާ ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. ފާތިހު ފާހަގަކުރެއްވި ގޮތުގައި 2014 ވަނަ އަހަރު އެރަށުގެ ބިން ހިއްކިފަހުން މޫދަށް އެރުމަށް އެކަށީގެންވާ ރަނގަޅު ސަރަހައްދެއް އެރަށުގައި ނެތެވެ. އެހެންކަމުން މިއީ އެރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ލިބިގެން ދިޔަ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"މީގެ ކުރީގެ ކައުންސިލްތަކުންވެސް އޮތީ، ލޭންޑް ޔޫސް ޕްލޭންގައި މިކަން ހިމަނާފައި. މޫދަށް އެރޭނެ ސަރަހައްދެއް ހަދައިދިނުމަށް. 2014 ވަނަ އަހަރު ރަށުގެ ހިއްކި ސަރަހައްދު ހިއްކިފަހުން ނޮވޭ މޫދަށް އެރިލާނެ ތަންކޮޅެއް. އަދި ރަށުގެ އިސް ރަށްވެހިންގެވެސް ވަރަށް ބޮޑު ޝަކުވާއެއް އެއީ މޫދަށް އެރޭނެ ސަރަހައްދެއް ނެތުން" ފާތިހު ވިދާޅުވިއެވެ.


ފާތިހު ވިދާޅުވީ، މި ސަރަހައްދު ހުޅުވުމާއެކު މިހާރު އޭދަފުށީގެ ކުދިބޮޑު އެންމެހައި ރައްޔިތުން އެސަރަހައްދު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި މި ސަރަހައްދު ހުޅުވުމާއެކު އޭދަފުށީގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރި އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދު ތަރައްޤީ ކުރުމަށް 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވެއެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހައި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމުގެ އިތުރުން 70 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާފައިވެއެވެ.