ލީބިޔާގެ އަލް-ޒާވިޔާ ސަރަޙައްދުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޤައުމުގައި މިހާރު ހިންގާ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑައިލައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ. އެ ޤައުމުގެ ނޭޝަނަލް އޮއިލް ކޯޕަރޭޝަނުން (އެންއޯސީ) ބުނީ، ހުކުރު ދުވަހުގެ ފަތިހު ބަރު ހަތިޔާރު ބޭނުންކޮށްގެން ފެށި ޙަމަލާ ބަދަލުކުރުންތަކުގައި ތެޔޮ ސާފުކުރާ ކާރުޚާނާ ހުންނަ ސަރަޙައްދަށް ވެސް ޙަމަލާތައް އަމާޒުވެފައިވާ ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އެ ތަނުގެ މުވައްޒަފުންގެ ސަލާމަތަށް ޓަކައި އެންމެން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ވެރިރަށް ޠަރާބުލުސްއާ 40 ކިލޯމީޓަރު ހުޅަނގުގައި ހުންނަ މި ކާރުޚާނާއަކީ ދުވާލަކު 120,000 ފީފާގެ ތެޔޮ ސާފުކުރުގެ ޤާބިލުކަން ހުރި، އަދި ލީބިޔާގެ މަޝްހޫރު ޝަރާރާ ތެޔޮވަޅާ ގުޅިފައިވާ އިޤުތިޞާދީ މައި ބިނާއެކެވެ. ވަގުތީ ގޮތުން ކާރުޚާނާ ބަންދުކޮށްފައިވީ ނަމަވެސް، ޢާންމުންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުން މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދީފައިވެއެވެ. ނަމަވެސް، ކާރުޚާނާ ކައިރީގައިވާ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކުރިމަތިލުންތައް ފެތުރި، ބަރު ހަތިޔާރުގެ ޙަމަލާތައް ސީދާ ކާރުޚާނާއަށް އަމާޒުވަމުންދާތީ، އޮޕަރޭޝަންތައް އަލުން ފެށުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ޒާވިޔާގެ އިދާރާތަކުން ބުނީ، މީހުން މެރުމާއި، ވަގަށް ނެގުމާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރީގެ "ކުށްކުރާ ގުރޫޕުތަކާ" ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމުގައެވެ. ޙަމަަލާތަކުގައި ކާރުޚާނާގެ ގޯތިތެރޭގައި ހުރި ބައެއް ވަސީލަތްތަކަށާއި އުޅަނދުފަހަރަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ޒާވިޔާ ރިފައިނިންގ ކޮމްޕެނީން މިހާރު ވަނީ މި ހަމަނުޖެހުންތައް ވަގުތުން ހުއްޓުވައި، މުހިންމު ބިނާތައް ޙިމާޔަތްކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
2011 ވަނަ އަހަރު ލީބިޔާގެ ކުރީގެ ރައީސް މުޣައްމަރް ޤައްޛާފީގެ ވެރިކަން ވައްޓައިލި ފަހުން ލީބިޔާ އޮތީ ބޮޑުވަޒީރު ޢަބްދުލް ޙާމިދު އަލް-ދަބީބާގެ ސަރުކާރާއި، އިރުމަތީގައި ޚަލީފާ ޙަފްތަރު ޤާއިމުކޮށްފައިވާ ސަރުކާރާ ދެމެދު އުފެދިފައިވާ ސިޔާސީ ބައިބައިވުމެއްގެ ތެރޭގައެވެ. މި ފަދަ ހަމަނުޖެހުންތަކަކީ ލީބިޔާގެ ދާޚިލީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ އިތުރުން، އެ ޤައުމުގެ އިޤުތިޞާދީ މައިނާރު ކަމުގައިވާ ތެލުގެ ސިނާއަތަށް ދެވޭ ބޮޑު ގެއްލުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ. އަދި، މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ތެލުގެ ބާޒާރަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރުމުގެ ބިރު ހީވެފައިވާ ކަމުގައި އެ ފަރާތްތަކުން ބުންޏެވެ.