ޚަބަރު

ޒުވާން ޓެނިސް ޓީމު ކަޒަކިސްތާނަށް


  • ކަޒަކިސްތާނަށް ދިޔައީ ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަންގަައި ވާދަކުރަން

  • މުބާރާތް އޮންނާނީ މެއި 11 ން 16 އަށް ޝިމްކެންޓުގައި

  • ރާއްޖެ ތަމްސީލުކުރާނީ މަންހާ، ކަރިން އަދި ކިޔާރާ

ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޓެނިސް ޓީމު ކަޒަކިސްތާނަށް ހިނގައްޖެއެވެ.

މެއި 11 ން 16 އަށް ކަޒަކިސްތާނުގެ ޝިމްކެންޓުގައި ބާއްވާ ފައިނަލް ބުރުގައި ރާއްޖެ ތަމްސީލުކުރާނީ މަންހާ މުހައްމަދު، އައިޝަތު ކަރިން ސައިޒާން އަދި ކިޔާރާ އުސާމާ އަލީއެވެ. ޓީމުގެ މެނޭޖަރަކީ އައިމިނަތު އިރުފާ މާހިރެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ގައުމީ ކޯޗު، އީރާނުގެ އަލީ ރިޒާއެވެ.

ފައިނަލް ކޮލިފައިންގައި ރާއްޖެއަށް ވާދަކުރަން ޖެހޭނީ ވަރުގަދަ ގައުމަކާއިއެކުގައި ކަމަށްވިޔަސް ކުޅުންތެރިން ތިބީ މުބާރާތުން ރާއްޖެއަށް ރީތިނަން ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައެވެ. މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު އަލީ ރިޒާ ބުނީ މިއީ ޖޫނިއާ ކުޅުންތެރިންނަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، މިދަނީ ހަމައެކަނި ތަރުޖިބާ ހޯދާން ނޫން ކަމަށެވެ.

"އަހަރުމެންނާއި ދެކޮޅަށް ކުޅެން ތިބީ އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިން. ޖަޕާން ޗައިނާ، ކޮރެއާ އިންޑިއާ، ހޮންގކޮންގ ކަޒަކިސްތާން. އަދި ކަޒަކިސްތާނުގައި އެ ތިބީ ވަރަށް ވަރުގަދަ ކުޅުންތެރިން ޑަބްލިއުޓީއެފް ރޭންކިންގެ. އެކަމަކު އަހަރުމެންގެ 100 ޕަސެންޓް ދޭނަން، ވަރަށް ބުރަ މަސައްކަތް ކުރާނަން، އަހަރުމެންނަށް ކުރެވުނު ހިތްވަރެއް ކުރާނަށް ދެވޭ އެންމެ ދުރަކަށް ދާން" ކޯޗު ބުންޏެވެ.

މި އަހަރުގެ ބިލީ ޖީން ކިންގް ކަޕް ޖޫނިއާސް، އޭޝިއާ/އޯޝޭނިއާ ޒޯންގެ ފައިނަލް ކޮލިފައިން ބުރުން ރާއްޖެއަށް ޖާގަ ލިބުނީ މާޗް 16 ން 21 އަށް ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ޕްރީ ކޮލިފައިން މުބާރާތުގެ ތިންވަނަ ހޯދައިގެންނެވެ. ޕްރީ ކޮލިފިކޭޝަނުގައި ރާއްޖޭގެ ނަބާ ނިޝާން، މަންހާ މުހައްމަދު، އަދި ކިޔާރާ އުސާމާ އަލީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޓެނިހުގެ އަންހެނުންގެ ވޯލްޑް ކަޕް ކަމުގައި ބަލާ މި މުބާރާތުގެ ފައިނަލް ކޮލިފިކޭޝަނަށް ދަތުރު ކުރުމަކީ، ޖޫނިއާ ޓެނިސް ޓީމަށް ރާއްޖޭގެ ޓެނިހުގެ ތާރީހުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު އަދި އެންމެ ތާރީހީ ކާމިޔާބީއެވެ.

ބިލީ ޖީން ކިންގްކަޕް ޖޫނިއާސް އަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން، އައިޓީއެފް އާއި އޭޝިއަން ޓެނިސް ފެޑެރޭޝަން، އޭޓީއެފް ގުޅިގެން 16 އަހަރުން ދަށުގެ އަންހެން ޓެނިސް ކުޅުންތެރިންނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ޝަރަފުވެރި ޓީމު އިވެންޓެވެ.