ކުޅުދުއްފުށި ސިޓީގެ ޔުޓިލިޓީ ޚިދުމަތްތަކާއި ކުނީގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ "މޫސުމީ ބަދަލުތަކާއި ކާރިސާތަކަށް ކެތްތެރި އާ އާބަން މުސްތަގުބަލެއް ބިނާކުރުން" މި ޝިއާރުގެ ޖަޕާނުގެ ޓޯކިޔޯ މެޓްރޯޕޮލިޓަނުން އިންތިޒާމު ކޮށްގެން ބޭއްވި ޖީނެޓްސް ސަމިޓްގެ 3 ވަނަ ސަމިޓުގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި ދަތުރުގެ ތެރެއިންނެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައިވަނީ މޭޔަރ މުޙައްމަދު އާތިފް އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން، އެގައުމުގެ ކަނަޑޭވިއާ ކުންފުންޏާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ކަނަޑޭވިއާ ކުންފުންޏަކީ ޔުޓިލިޓީ ދާއިރާގައި ބައިނަލްއަގްވާމީ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އެހެންކަމުން އެކުންފުންޏާއެކު މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވާކަމަށެވެ. އެގޮތުން ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ޒަމަނާ އެއްގޮތަށް ބަދަލުކޮށް، ޚިދުމަތްތަކުގެ އަގުހެޔޮކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހުރި ފުރުސަތުތަކާއި، ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލްގެ ޕޯސްޓްގައިވެއެވެ.
ކުޅުދުއްފުށި ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ރަނގަޅު ކުރުމަކީ މިއަހަރު އެކުލަވާލެވޭ ތަރައްގީގެ ޕްލޭންގައި ވެސް ޚާއްސަ އިސްކަމެއް ދޭނެ ކަމެއްކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މޭޔަރ މުޙައްމަދު އާތިފް އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖީނެޓްސް ސަމިޓްގައި ބައިވެރިވުމަށް ޖަޕާނަށް ކުރެއްވި ދަތުރުގެ ތެރެެއިން ޖަޕާނުގެ ކަނެޑީވިއާ ކުންފުންޏާ ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވޭ.
— Kulhudhuffushi City Council (@kcitycouncil) May 7, 2026
މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ޔޫޓިލިޓީ ހިދުމަތްތައް… pic.twitter.com/ndVF6f2B9I
ދުނިޔޭގެ އެކި ކަންކޮޅުތަކުން 48 ސިޓީއަކުން ބައިވެރިވި ޖީނެޓްސް ސަމިޓަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ސަމިޓެކެވެ. މިސަމިޓުގައި ސިޓީތަކުގެ ތަރައްގީއާއި، ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށް، މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.
މި ސަމިޓުގެ ވެލްބީން ސެޝަންގައި މޭޔަރު މުހައްމަދު އާތިފް ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މޭޔަރުގެ ޕްރެޒެންޓޭޝަންގައި ކުޅުދުއްފުށީގެ އިޖުތިމާޢީ ދިރިއުޅުމުގެ ބިންގަލަކީ ކުޅިވަރާއި، ސަގާފަތް އަދި މުޖުތަމައުގެ ބަދަހިކަންކަން ފާހަގަކުރައްވައި، ކުޅުދުއްފުށީގެ ތަޖުރިބާ ހިއްސާކުރައްވާފައިވެއެވެ.