އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް 1.25 މިލިޔަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 19.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު، އެމްޓީޑީސީއަށް 178،000 ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ.
އެމްޓީޑީސީން އާންމުކޮށްފައިވާ އެކުންފުނީގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން، އެ ކުއާޓަރުގައި އެމްޓީޑީސީއަށް 1.25 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.26 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ 0.8 އިންސައްތަ ދަށް އަދަދެކެވެ.
އަހަރުގެ ފުރަަތަމަ ކުއާޓަރުގައި އެމްޓީޑީސީއަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެކުންފުނީގެ ހިންގުމުގެ ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 209,869 ޑޮލަރު ލިބިފައިވާއިރު، މިދިޔަ ކުއާޓަރުގައި މި އަދަދު އުޅެނީ 378,699 ޑޮލަރުގައެވެ. އެހެންކަމުން މިއީ 44.5 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީޑީސީއަށް ލިބިފައިވަނީ 178,389 ޑޮލަރު ނުވަތަ 2.7 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 259,247 ޑޮލަރާއި އަޅާ ބަލާއިރު 31 އިންސައްތަ ދަށް އަދަދެކެވެ.
އެމްޓީޑީސީއަށް މިހާރު އާމްދަނީ ލިބެނީ އެކުންފުނިން ކުއްޔަށް ދީފައިވާ ދެރަށަކުންނެވެ. އެއީ އަނަންތަރާ ކިހަވަކާއި، އަޔާޑާ މަގުއްދޫއެވެ. މީގެއިތުރުންވެސް އެކުންފުނިން ދަނީ ހދ.އަތޮޅުގައި ރިސޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތްކުރަމުންނެވެ. ހދ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 2027ވަނަ އަހަރުތެރޭ އެ ރިސޯޓު ހުޅުވާނެ ކަމަށްވެސް އެމްޓީޑީސީން މައުލޫމާތުދެއެވެ. މި ރިސޯޓު ހުޅުވުމާއެކު، ކުންފުންޏަށް ލިބޭ ޢާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ.
މީގެ އިތުރުން އެ ކުންފުނީގެ އައު އޮފީސް އިމާރާތުގެ އެންމެ ފަހުގެ އިންޓީރިއާ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ޖޫން މަހުގެ ތެރޭގައި މި އޮފީހުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ. އަދި އޮފީސް ހުޅުވި ބޭނުންކުރަން ފެށުމާއެކު އެމްޓީޑީސީއަށް ލިބޭނެ އާމްދަނީ ކުރިއަށްއޮތްތާގަ އިތުރުވެގެންދާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.