ޚަބަރު

ގްރީން ޓެކުހުން ލިބުނު އާމްދަނީ %18 އިތުރު


  • 890 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި

  • މިއީ 140.6 މިލިޔަން ރުފިޔާގެ އިތުރުވުމެއް

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 890 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 18 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 895.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދާއި އަޅާ ބަލާއިރު 140.6 މިލިޔަން ރުފިޔާ ނުވަތަ 18 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 754.6 މިލިޔަން ރުފިޔާއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ މިއަހަރު ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލި އެއަރލައިންތަކުން އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,618 ފަތުރުވެރިން އާދެއެވެ.