މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި، ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނައިބު އަޙްމަދު ޢާލީ އާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރުއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މަޢުލޫމާތުތަކުގެ ސައްޙަކަން އިތުރަށް ކަށަވަރުވެ، އެ މަރުޙަލާ އިތުރަށް އަވަސްވެ، ހަރުދަނާވެގެންދާނެކަމަށެވެ.
We have signed an MoU with the @CorrectionsMv to enable API integration for information verification. This initiative will streamline the verification process through faster and more accurate validation of information. pic.twitter.com/Hh4jw1TYoV
— Department of National Registration (@dnrmaldives) May 6, 2026
އެގޮތުން އާއިލީ މަޢުލޫމާތު ކަށަވަރުކޮށް، ގައިދީއަށް ޒިޔާރަތްކުރާ މީހާއަކީ އާއިލާ މެމްބަރެއްތޯ ކަށަވަރުކުރުމަށް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ. އަދި ގައިދީންނާއި ގުޅޭ އެންމެ ފުރިހަމަ އަދި އެންމެ ފަހުގެ މަޢުލޫމާތު ބެލެހެއްޓޭނެކަމަށްވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމާ ގުޅޭގަތުން ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންގެ މަޢުލޫމާތުތަކާއި އެފަރާތްތަކުގެ ޢާއިލާތަކުގެ މަޢުލޫމާތުތައް ފަސޭހައިން ކަށަވަރުކުރެވޭނެކަމަށެވެ.